އައްޑޫ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އެ އަތޮޅު ހަންކެޑެގައި ރިސޯޓު ތަރައްގީކުރުމަށް ބީލަމަށް ހުޅުވާލައި، އިންވެސްޓަރަކު ހޯދައިގެން ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ފެށުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގައި މިނިސްޓަރް އޮފް އިންވަރަމެންޓް ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރް މިހެން ވިދާޅުވީ އައްޑޫސިޓީގެ ހަންކެޑެ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އައްޑޫސިޓީ ހަންކެޑެއަކީ ނިމިދިޔަ ސަރުކާރުން ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓެއް ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ރަށެކެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ފުރަތަމަ ހަންކެޑެ، ހަލާލް ޓުއަރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ތަރައްގީކުރަން ނިންމި ނަމަވެސް، އެ ލިސްޓުން ފަހުން އުނިކޮށްފައިވާ ކަމަށެވެ. އަދި މިހާރު ބަލަމުންދަނީ ހަންކެޑެ އިންޓަގްރޭޓެޑް ޓުއަރިޒަމް ކޮންސެޕްޓުގެ ދަށުން ތަރައްގީކުރުމަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.
މިކަން ކުރުމަށް ބަލަންޖެހޭ ކަންކަން ބަލައި، ބީލަމުގެ އުސޫލުން އެރަށް ތަރައްގީކުރަން ހުޅުވާލަން މިހާރު ޓުއަރިޒަމް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރު ތެރޭގައި އަމަލީ މަސައްކަތް ފެށުން ކަމަށާއި މި ދައުރު ތެރޭގައި އޮޕަރޭޝަނަށް ގެނައުމަކީވެސް އަމާޒެއް ކަމަށެވެ.
ކުރީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން ނިންމައި އެ މަޝްރޫއު އިއުލާނުވެސް ކުރި އެވެ. އެގޮތުން ކުރީ ސަރުކާރުން ވަނީ 142.9 މިލިއަން އެމެރިކާ ޑޮލަރުގެ ޒަމާނީ މަޝްރޫއެއް ހިންގުމަށް 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ޗައިނާ ނޭޝަނަލް އިލެކްޓްރިކް އެންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ވެސް ހަވާލުކުރި އެވެ.
އެހެންނަމަވެސް ނަމަވެސް މިއަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ހަންކެޑެއަކީ ހަލާލު ޓޫރިޒަމަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅައިފައި އެވެ.