ގާޒާއަށް ބޭނުންވާ އެހީ ހިފައިގެން ކަނޑު މަގުން ދަތުރުކޮށްފައިދާ ގްލޯބަލް ސުމޫދު ފްލޯޓިލާއަށް އިޒްރޭލުން ހުރަސްއެޅުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.
ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ "ގްލޯބަލް ސުމޫދް ފްލޮޓިލާ" އަށް އިޒްރޭލުން ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ އަމަލުތަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވަނީ، ފްލޯޓިލާގައި ދަތުރުކުރަމުންދިޔައީ އިންސާނީ އެހީގެ ސަމާނު ގާޒާއަށް ހިފައިގެންކަން ފާހަގަކުރައްވައި، ހާލުގައި ޖެހި އަސާސީ ހައްގުތަކުން މަހްރޫމް ވެފައި ތިބި ބަޔަކަށް، އިންސާނީ އެހީ ހިފައިގެންދާ ގާފިލާާ ދިމާކޮށްލުމަކީ އިންސާނިއްޔަތާއި އަދި ބައިނަލްއަގްވާމީ ގާނޫނުތަކާވެސް ހިލާފުކަމެއްކަމަށް ވިދާޅުވެފަ އެވެ.
ތަކުރާރުކޮށް ކުރަމުންދާ މިފަދަ އަމަލުތަކުން ޔަހޫދީ ދައުލަތުން ދަނީ ދުނިޔޭގެ އެހެން ގައުމުތަކާއި އެއްފަރާތް ވަމުން ކަމަށާއި މިއީ އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ އަޅާލުމާއި ކުލުނު ނެތް ކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އިޒްރޭލުން ތަކުރާރުކުރަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.
ސުމޫދު ފްލޮޮޓިއްލާގެ ހަރަކާތުގައި ބައިވެރިވާ އެކްޓިވިސްޓުންގެ އަދަދު 500އަށް އަރާއިރު، އޭގެތެރޭގައި ބައެއް ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި، ގާނޫނީ ވަކީލުން ވެސް ހިމެނެއެވެ. ދިވެހިންވެސް މި ހަރަކާތުގައި ބައިވެރިވެ އެވެ.
ގާޒާ އަށް ކުރާ މި ދަތުރު އިންތިޒާމު ކުރާ ފަރާތުން ބުނީ، ފްލޯޓިލާގައި ހިމެނޭ 13 އުޅަނދަކަށް ޔަހޫދީ ސިފައިން އަރައިގަނެ، ހުއްޓުވާފައިވާ ކަމަށެވެ. އަދި، އިތުރު 30 އުޅަނދު މިހާރު ވެސް ގާޒާއަށް ދަތުރު ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.