ސަރުކާރު ބަދަލުވިޔަސް ފެނަކައިގަ ކޮރަޕްޝަން ހިންގާ: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް

ސަރުކާރު ބަދަލުވިޔަސް ފެނަކައިގަ ކޮރަޕްޝަން ހިންގާ: ނާޒިމް

SHARE

ސަރުކާރު ބަދަލުވި ނަމަވެސް ފެނަކަ ކޯޕަރޭޝަނުގައި ކޮރަޕްޝަން ހިންގުމުން ނުހުއްޓުވޭ ކަމަށާއި އެކަން އަދިވެސް ކުރިއަށްދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގަ އޭނާ އެހެން ވިދާޅުވީ 2021 އިން 2023 އާ ދެމެދު ފެނަކައިން ހިންގާފައިވާ މުއާމާލާތްތަކާ ގުޅިގެން މިދިޔަ ހަފްތާގައި އޮޑިޓު އޮފީހުން ނެރުނު ރިޕޯޓާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލާ ހުށަހެޅި ގަރާރާ ގުޅިގެން ވާހަކަދައްކަވަމުން ނެވެ.

ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަަ މަޖިލީހުން މީގެކުރިން ބެލި ގޮތުގެ މައްޗަށް އަލިއަޅުވާލައްވަމުން މަޖިލީހުގަ ދިއްގަރު ދާއިރާ ތަމްސީލުކުރައްވާ ނާޒިމް ވަނީ ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަދާކޮށްފައިވާކަމަ ވިދާޅުވެފަ އެވެ. އެގޮތުން، 2021 ވަނަ އަހަރު އެ މައްސަލަތައް ބެލުމަށްފަހު އެ ކޮމިޓީން ފެނަކައަށާއި ރައީސް އޮފީހަށް ސީޓީ ފޮނުވި ކަމަށެވެ. އޭގެ ފަހުން ދެ އަހަރު ދުވަސް ވަންދެން އެ މައްސަލަ ޕާކުކުރުމަށްފަހު 2023 ވަނަ އަހަރު އެ މައްސަލަ އަލުން ބަލަން ފަށައި އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް އެންގި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަދު ފެންނަނީ އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީން އެދިގެން ކުރި އޮޑިޓެއްގެ ނަތީޖާ އެވެ.

"އެހެންވީމާ އަޅުގަނޑުމެން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަޅުގަނޑުމެން މިވަނީ އަދާކޮށްފަ. ފެނަކައިގައި ހިނގަމުން ދިޔަ ކޮރަޕްޝަނަކަށް ސަރުކާރު ބަދަލުވުމަކުން، އެއް ސަރުކާރު، އަނެއް ސަރުކާރު ބަަދަލުވުމަކުން ބަދަލެއް އައިސްފައެއް ނެތް. އެ ކަންތައްތައް ހަމަ އެ ގޮތުގައި ކުރިއަށް ދިޔައީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އޮޑިޓުންް ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއްް ފާހަގަކުރެވުނު ކަމަށާއި ރައްޔިތުންގެ ވޯޓާއެކު ސަރުކާރު ބަދަލުކުރެވުނަސް ކޮރަޕްޝަން ނުހުއްޓުވޭ ކަމަށެވެ.

އެ އޮޑިޓުގައި ބުނެފައިވާ ގޮތުން 2021 އިން 2023 ވަނަ އަހަރުގެ ނިޔަލަށް 8.8 ބިލިއަން ރުފިޔާ މުދަލާއި ޚިދުމަތް ހޯދުމަށް ފެނަކަ އިން ހަރަދުކޮށްފައިވެ އެވެ. އެ ހަރަދުތަކުގެ ތެރޭގައި ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކުރާއިރު އެވަގުތަށް މުހިއްމު ނޫން މަސައްކަތްތަކަށް މުދަލާއި ޚިދުމަތް ހޯދުމުގެ ނަމުގައި ބޮޑެތި ގެއްލުން ވާގޮތަށް ފައިސާ ހޭދަކުރިކަން ފާހަގަކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ބިޑަކާ ނުލާ 1.3 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ކަމާއި އެ ކުންފުނީގަ އޭރު މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ސައީދުގެ އާއިލާގެ ކުންފުނިތަކަށް މަސައްކަތް ހަވާލުކޮށް 31 މިލިއަން ރުފިޔާ ދޫކުރުމާ އެ ނޫން ވެސް ބޮޑެތި މައްސަލަތައް ހިމެނެ އެވެ،

މި މައްސަލައިގަ ފެނަކަ ނެރުނު ބަޔާނުގައި ބުނެފައިވަނީ ރިޕޯޓްގަ ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން އަޅަން ޖެހޭ އިސްލާހީ ފިޔަވަޅުތައް ލަސްނުކޮށް އެޅުމުގެ މަސައްކަތ މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން، އެ ކުންފުނީގެ މުދަލާއި ހިދުމަތް ހޯދުމުގެ އުސޫލުތަކާއި ކުންފުނިން ހިންގާ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި އެކަންކަން ކުރިއަށްދާނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަކަން ކަށަވަރުކުރުމަށްޓަކައި އިތުރު މޮނިޓަރިން ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ކުންފުނީގެ އޮނިގަނޑު ހަރުދަނާކުރުމަށް ކުރެވެންހުރި ކަންކަން ދެނެގަނެ އެކަންކަން ވެސް ކުރިއަށްދާ ކަަމަށެވެ.