އެންއައިސީއަށް 4 މެމްބަރަކު އައްޔަނުކުރަން މަޖިލީހުގެ ރުހުން ހޯދަން ފޮނުވައިފި

ރައްޔިތުންގެ މަޖިލީސް

އެންއައިސީއަށް 4 މެމްބަރަކު އައްޔަނުކުރަން މަޖިލީހުގެ ރުހުން ހޯދަން ފޮނުވައިފި

SHARE

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހުސްވެފައިވާ 4 މެމްބަރުންގެ މަގާމަށް ބޭފުޅުން އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެންއައިސީއަށް އައްޔަނުކުރުމަށްޓަކައި ރައީސް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވި ލިސްޓު އިއުލާނުކުރައްވާފަ އެވެ. އެ ކޮމިޝަނަށް އައްޔަނު ކުރުމަށް މަޖިލީހަށް ފޮނުވި ނަންތަކަކީ:

  • ޝުއައިބު އަބްދުއްރަހްމާން، ދަފުތަރު ނަންބަރު ރސ. 1188
  • ޝިފާޒް އަލީ، ދަފުތަރު ނަންބަރު ރސ. 12854
  • އަލީ މުހައްމަދު މަނިކު، ދަފުތަރު ނަންބަރު ރސ. 1851
  • ފާތިމަތު ޝަރީފް، މާކޯޅި، ގދ. ތިނަދޫ

އެ ނަންތައް އިއުލާނުކުރުމަށްފަހު އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީއަށް މެންބަރުންތަކެއް އައްޔަނު ކުރަން މަޖިލީހަށް ފޮނުވީ އެ ކޮމިޝަނުގައި ތިއްބަވާ ހަތަރު މެންބަރުންގެ މަގާމުގެ މުއްދަތު މިމަހުގެ 26 އަށް ހަމަވާތީ އެވެ. މަގާމުގެ ދައުރު ހަމަވަނީ ކޮމިޝަނުގެ ރައީސް، ގާސިމް އަބްދުލްކަރީމް އާއި ނައިބުރައީސް، އާއިޝަތު ނިއުޝާގެ އިތުރުން މެންބަރު، އާމިނަތު ޝާދިޔާ އަދި ލިސްޓުގައި ހިމެނެނު ޝުއައިބު އަބްދުއްރަހްމާން ގެ އެވެ.