އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
މިގޮތަށް ނިންމެވީ، ރައީސް ވަނީ ކުރީ ސަރުކާރުން މި މަޝްރޫއުއާ ގުޅިގެން 2021 ވަނަ އަހަރު ކަނޑައެޅި ގަަރާރު އުވާލެއްވުމަށްފަހު އެވެ. އެ ގަރާރުގަ ވަނީ ހަންކެޑެ އަކީ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދީގެން ކުރިއަށް ގެންދިއުމަށް ހުއްދަދީފަ އެވެ.
ރައީސްގެ ނިންމެވުމާއެކު ހަންކެޑެ މަޝްރޫއު ދެން ހިންގާނީ ޓޫރިޒަމް މިނިސްޓްރީގެ ދަށުން ނެވެ. ރައީސް ވިދާޅުވީ، އެގޮތަށް ނިންމެވީ ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކުރުމަށް ކަމަށެވެ.
ކުރީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން ނިންމައި އެ މަޝްރޫއު އިއުލާނުވެސް ކުރި އެވެ. އެގޮތުން ކުރީ ސަރުކާރުން ވަނީ 142.9 މިލިއަން އެމެރިކާ ޑޮލަރުގެ ޒަމާނީ މަޝްރޫއެއް ހިންގުމަށް 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ޗައިނާ ނޭޝަނަލް އިލެކްޓްރިކް އެންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ވެސް ހަވާލުކުރި އެވެ.
އެހެންނަމަވެސް ނަމަވެސް މިއަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ހަންކެޑެއަކީ ހަލާލު ޓޫރިޒަމަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅައިފައި އެވެ.