ކޮންމެ އިސްރަށްވެއްސެއްގެ މާޒީއަކީ ބާއްޖަވެރި މާދަމާއެއް ބިނާކުރުމަށްޓަކައި އިބުރަތުގެ ދަރުސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަހުގެ މުނާސަބަތުގައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރާއްޖޭގެ ކޮންމެ ރަށަކީ ދޮށީ އުމުރުގެ ރައްޔިތުންނަށް ފަހި، ފަސޭހަ، އޯގާތެރި ވެއްޓަކަށް ހަދައި ހުރިހާ އުމުރު ފުރައަކަށް އުފާފާގަތި މާހައުލެެއް ގާއިމުކުރުމަކީ ސަރުކާރުން އެންމެ ސަމާލުކަންދޭ އެއް ސިޔާސަތު ކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ ކޮންމެ އިސްރަށްވެއްސެއްގެ ހަޔާތުގެ "މި ދުވަސްތަކަކީ، ލޯތްބާއި ކުލުނުން ފުރިފައިވާ، ދުޅަހެޔޮ، ބާއްޖަވެރި ދުވަސްތަކެއް ކަމުގައި ލެއްވުމަށް" ދުއާ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރެއްވި ޕޯސްޓުގަ ވިދާޅުވީ، ދިރިއުޅުމުގެ ހަގީގަތްތައް ދަސްވަނީ ގިނަ ދުވަހު ދުނިޔެ އުޅެ ލިބޭ ތަޖްރިބާތަކުން ކަމަށެވެ. އަދި އުމުރުން ދުވަސްވީ މާމަކާފައިންނާއި މައިންބަފައިންގެ އިތުރުން ދައްތައިންނާއި ބޭބެއިންގެ ހިތްހެޔޮ ސާދާ މިޒާޖާއި، ވިސްނުމުގެ މަގު ދެއްކުމުގެ ސަބަބުން ޢާއިލާތަކަށް ބަދަހިކަމާއި އުފާފާގަތިކަން ލިބޭ ކަމަށެވެ. އެކަމަނާގެ ޕޯސްޓު ނިންމަވާލެއްވީ، މިއީ އިސްރަށްވެހީންނަށް ހައްގު އިހުތިރާމާއި ގަދަރުކުރާ، އޯގާތެރި މުޖްތަމައެއްގެ އަހުލުވެރީންކަމަށް ލެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވިދާޅުވަމުން ނެވެ.