އިންޑިއާ އަށް ދަތުރުކުރާ މީހުން ފުރަންޖެހޭ އެރައިވަލް ފޯމު، އޮންލައިންކޮށް ހުށަހެޅޭ ގޮތް އިންޑިއާއިން ހަދައިފި އެވެ.
މި ފޯމަކީ އެ ގައުމަށް އެތެރެވުމަށް އިމިގްރޭޝަނަށް ހުށަހަޅާ އެރައިވަލް ފޯމެކެވެ. އާންމު އުސޫލުން އެ ފޯމު ފުރަމުން އަންނަނީ އެ ގައުމަށް ދިއުމަށް ފަހު ކައުންޓަރުން ދޫކުރާ ފޯމަކުންނެވެ.
އިމިގްރޭޝަން ކައުންޓަރުގަ ހުރެ އެރައިވަލް ފޯމު ފުރުމުގެ ބަދަލުގައި، މިއަދުން ފެށިގެން އެކަން އޮންލައިންކޮށް ކުރެވޭ ގޮތަށް ބަދަލުކުރުމަށް އިންޑިއާއިން ވަނީ ނިންމާފަ އެވެ.
ބޭރު ގައުމުތަކުން އަންނަ ފަތުރުވެރިންނާއި ވަޒީފާ އަދާކުރުމަށް އަންނަ މީހުންނާއި ތައުލީމު ހާސިލުކުރަން އަންނަ ދަރިވަރުން އަދި ވިޔަފާރީގެ ބޭނުމަށް އެ ގައުމަށް އެތެރެވާ ފަރާތްތަކަށް އެ ފޯމު ހުށަހެޅުމުން ޑިޖިޓަލް އެރައިވަލް ކާޑެއް ލިބިގެންދާނެ އެވެ.
އީ އެރައިވަލް ކާޑު ހެއްދުމަށްޓަކައި ޕާސްޕޯޓު ނަމްބަރާއި، އެމީހާ ނިސްބަތްވާ ގައުމުގެ އިތުރުން އެ ގައުމަށް އަންނަ ސަބަބާއެކު، އެޑްރެސް އަދި ގުޅޭނެ ނަމްބަރެއް ހުށަހަޅަންޖެހޭނެ އެވެ. އެކަަމަކު ކާޑު ހައްދަން އެއްވެސް ލިޔެކިއުމެއް ހުށަހަޅާކަށް ނުޖެހޭނެ އެވެ.
އިންޑިއާއަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމެވެ. ތައުލީމު ހާސިލުކުރުމަށާއި ބޭސް ފަރުވާގެ ބޭނުމަށް އިންޑިއާއަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލެވެ.