ކުލީ ޕާކިން ސްލޮޓްތައް އެންމެންނަށް ބޭނުންކުރެވޭ ގޮތް ހަދައިފި

male magumathi-1657182602653

ކުލީ ޕާކިން ސްލޮޓްތައް އެންމެންނަށް ބޭނުންކުރެވޭ ގޮތް ހަދައިފި

SHARE

މާލޭގެ މަގުތަކުން ކުއްޔަށް ދޫކޮށްފައި ހުރި ޕާކިން ސްލޮޓްތައް އެންމެންނަށްވެސް ބޭނުންކުރެވޭ ގޮތަށް، މިއަދުން ފެށިގެން ހަދައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މާލޭގެ މަގުތަކުން ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންއަށް ދޫކޮށްފައިވާ ސަރަޙައްދުތައް ކުއްޔަށް ދިނުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާތީ، އެކަން ހުއްޓާލަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

މީގެއިތުރުން މާލޭގަ ޕާކުކުރާނެ ޖާގަތައް މަދުވުމުގެ ސަބަބުން އާއްމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާތީ ވަކި ބަޔަކަށް އާއްމު ޖާގަތައް ޕާކުކުރުމުގެ ބޭނުމުގައި ދޫކުރުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށް ކައުންސިލުން ފާހަގަކޮށްފައިވެ އެވެ.

ކައުންސިލުން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، ކައުންސިލުން އަމިއްލަ މީހުންނަށާއި ޓެކްސީތަކަށް ކުއްޔަށް ދޫކޮށްފައި ހުރި ޕާކިންގެ އަދަދު 1،000 އަށް އަރަ އެވެ. ޕާކިން ކުއްޔަށް ދޫކޮށްފައި ހުރީ ޕްރައިވެޓް ކާރުތަކަށް މަހަކު 1،500ރ. އަށް އަދި ޓެކްސީތަކަށް 700ރ. އަށެވެ.

މާލޭގެ ޕާކިން މައްސަލައަކީ ދިގު މުއްދަތެއްގައި ހައްލުނުވެ ހުރި މައްސަލައެކެވެ. ވެހިކަލްތަކުގެ އަދަދު އިތުރުވަމުންދާއިރު، ޕާކުކުރުމަށް ހާއްސަ ކުރެވިފައިވާ ޖާގަތައް މަދުވުމުގެ ސަބަބުން، ރައްޔިތުންނަށް ދިގުދެމިފައިވާ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

މިކަމުގެ ސަބަބުން މަގުމަތީގެ ތޮއްޖެހުން އިތުރުވެ، ދަތުރުފަތުރުގެ ނިޒާމަށްވެސް ބުރަވުމެއް ކުރިމަތިވެފައިވެ އެވެ.