މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި 129 ބިދޭސީން ރާއްޖެއިން ޑީޕޯޓުކޮށްލައިފި އެވެ.
އިމިގްރޭޝަނުން އިއްޔެ އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ތެރޭގަ 129 ބިދޭސީން އެކި ސަބަބުތަކާހުރެ ޑީޕޯޓްކޮށްލާފަ އެވެ. ޑީޕޯޓުކުރި މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު؛
- ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެވި 14 ބިދޭސީން
- އެކި ކުށްތަކުގައި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 28 ބިދޭސީން
- ވިސާއާ ހިލާފުވި 87 ބިދޭސީން
25 ތަނެއްގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި 26 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ.
ޑީޕޯޓް ކުރުމުގެ އިތުރުން ތަފާތު އެކި ސަބަބުތަކާ ހުރެ އަމިއްލަ ގައުމަށް ދާން ބޭނުންވެފައިތިބި ބިދޭސީން ވެސް އެ މީހުންގެ ގައުމުތަކަށް ފޮނުވާލާފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ. އެގޮތުން ސިއްހީ ސަބަބުތަކާހުރެ 28 މީހަކު ގައުމަށް ފޮނުވާލާފައިވާއިރު އަމިއްލައަށް އެދިގެން 282 ބިދޭސީން އެ މީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވާލާފައިވެ އެވެ.
އެ އިދާރާއިން 11،651 ވޯކް ވިސާ ދޫކޮށްފަވާއިރު ގިނަ ވިސާތައް ދޫކޮށްފައިވަނީ މާލޭގައި ހުންނަ އިމިގްރޭޝަންގެ އޮފީހުންނެވެ. އެއީ 11،320 ވިސާއެވެ. އަދި ރީޖަނަލް އޮފީސްތަކުން 331 ވޯކް ވިސާ ދޫކޮށްފައިވެ އެވެ. 1،150 މީހަކަށް ވިޔަފާރި ވިސާ ދޫކޮށްފައިވާއިރު 287 މީހަކަށް، ޑިޕެންޑެންޓް ވިސާ އަދި 140 މީހަކަށް ޚާއްސަ ވިސާ ދޫކޮށްފައިވެ އެވެ. އަދި ސްޓޫޑެންޓް ވިސާ 31 މީހަކަށް، ސްޕޮންސަޝިޕް ޑެކްލަރޭޝަން ވިސާ 398 މީހަކަށް އަދި އެހެނިހެން ބާވަތްތަކުގެ ވިސާ 684 މީހަކަށް ވަނީ ދޫކޮށްފަ އެވެ.