ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަމާއި ހަމަހަމަކަމާ މެދު ބައިނަލްއަގްވާމީ މައިދާނުގައި އަޑުއުފުލުމުގައި ޗައިނާ އަކީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކާއެކު މަސައްކަތްކުރާ، ސާބިތު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ 76 ވަނަ ގައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ގިނަ ގައުމުތަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމަށް ޗައިނާއިން ދޭ އަހުމިއްޔަތުކަމާއި، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ހައްގުގަ އެގައުމުން އަދާކުރާ ދައުރު ފާހަގަކުރައްވާފަ އެވެ. އެކަން ފާހަގަކުރައްވަމުން ރައީސް ވަނީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، ބާކީ ނުވާނޭ ފަދަ ދުނިޔެއެއް ބައްޓަންކުރުމަށް ރާއްޖެއާއެކު ޗައިނާއިން ކުރާ މަސައްކަތުގެ އަގުވަޒަންކުރައްވާފަ އެވެ.
ޗައިނާގެ ތާރީހު ސިފަކުރައްވަމުން ރައީސް ވިދާޅުވީ ޗައިނާގެ ތަސައްވުރާއި، ހިންމަތްތެރިކަމާއި، އިންސާނީ ޤާބިލުކަމުގެ މިންނެތް ރޫޙުގެ ރިވާޔަތެއްގެ ގޮތުގައެވެ. ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒަކީ ހަމައެކަނި ދެ ޤައުމުން ވެފައިވާ އެއްބަސްވުންތައް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދެ ގައުމުން ހިއްސާކުރާ ތަޖުރިބާތަކާއި، އެކުގައި ކުރާ ދަތުރުތަކާއި، ދެ ގައުމުގެ ދެމެދު ގާއިމުވެފައިވާ ރަޙުމަތްތެރިކަމުގެ ސަބަބުން އުފެދިފައިވާ އިތުބާރަކީ ވެސް، ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ ކަންކަމުގެ ގޮތުގައި ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގަ އެއް މުޖުތަމައު އަނެއް މުޖުތަމައާ ގުޅުވައިދޭ ފާލަންތަކާއި، ދިވެހި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ގެދޮރާއި، ޒުވާން ދިވެހި ދަރިވަރުން މުސްތަގުބަލަށް ތައްޔާރުވާން ތިބޭ ކުލާސްރޫމްތަކުން ވެސް މި ރަހުމަތްތެރިކަން ފެނިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން، ޗުއްޓީ ހޭދަކުރާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިހުތިޔާރުކުރާ ޗައިނާގެ އެތައް ހާސް ރައްޔިތުންގެ އެހީގަ، ފަތުރުވެރިކަމުގެ ސިނާޢަތްވެސް ވެފަވަނީ، ދެ ގަައުމުގެ ގުޅުން ރަމްޒުކޮށްދޭ، ދިރުންހުރި ފާލަމަކަށް ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ސިޔާސީ، ސަގާފީ، ތައުލީމީ އަދި ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި އަދި އުފާފާގަތި މުސްތަގުބަލަކަށް ދެ ގައުމުން ހިއްސާކުރާ އަމާޒަށް ވާސިލުވުމުގަ މަސައްކަތްކުރުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވަމުން ނެވެ.