ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭ އިރު ކޮރަޕްޝަން ހުއްޓުވުމަށް ފިޔަވަޅު އެޅުން ކަމަށާއި އެކަން ކުރަމުންދަނީ މި ސަރުކާރުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވޭނީ ޒިންމާދާރު މަގާމުތަކުގައި ތިބޭއިރު އެފަދަ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅައި، ކޮރަޕްޝަން ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒު ކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ އެ މަސައްކަތް ކުރަމުން" ކަމަށް އިހުސާން ވިދާޅުވި އެވެ. އަންނަ އޮކްޓޯބަރު 3 ގަ އިދިކޮޅު އެމްޑީޕީން ރާވަމުންދާ އެއްވުމަށް އިޝާރާތްކުރައްވަމުން އިހުސާން ވިދާޅުވީ ފާއިތުވި ތިން ދައުރު، ނުވަތަ 15 އަހަރު ތެރޭގައި މި ފިޔަވަޅުތައް ނޭޅުނު ބަޔަކު "މިއަދު މަގުތަކަށް މީހުން ނެރެގެން މި ކުރަން އުޅެނީ ކޮންކަމެއްތޯ ރައްޔިތުން ވިސްނާލަން ޖެހޭ" ކަމަށެވެ.
"އަޅުގަނޑުމެންނަށް ޖަވާބުދޭނެ" އިހުސާން ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް، އެ ފަދަ ކުށް ކުރާ ފަރާތްތައް ދެނެގަނެ ދަނީ ފިޔަވަޅު އަޅަމުން ނެވެ.