ގައުމީ ތަރައްގީގެ ޕްލޭނަށް 50 ރަށަކުން ހިޔާލު ހޯދައިފި

ރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަޝްވަރާތައް ފެށުން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

ގައުމީ ތަރައްގީގެ ޕްލޭނަށް 50 ރަށަކުން ހިޔާލު ހޯދައިފި

SHARE

ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލުމަށް 50 ރަށަކުން ހިޔާލު ހޯދައިފި އެވެ.

ރާއްޖޭގެ ތަރައްގީގެ ގައުމީ މާސްޓަ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށަން ކެބިނެޓުން ނިންމީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. އެއާއެކު އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ނެކްސިއާ މޯލްޑިވްސް އާ ހަވާލުކޮށް ރަށްރަށަށް ޒިޔާރާތްކޮށް އާއްމުންގެ ހިޔާލު ހޯދަން ފެށި އެވެ.

އެ މަސައްކަތުގެ ދަށުން މިހާތަނަށް 50 ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލު ވަނީ ހޯދާފަ އެވެ. އެއީ:

  • އައްޑޫ ސިޓީގެ 7 ރަށް
  • ފުވައްމުލައް ސިޓީ
  • ގދ. އަތޮޅުގެ 5 ރަށް
  • ހއ. އަތޮޅުގެ 15 ރަށް
  • ވ. އަތޮޅުގެ 5 ރަށް
  • އދ. އަތޮޅުގެ ރަށްތައް
  • މ. އަތޮޅުގެ 5 ރަށް
  • ލ. އަތޮޅުގެ 3 ރަށް
  • ޅ. އަތޮޅުގެ 3 ރަށް

މީހުން ދިރިއުޅޭ 186 ރަށަށް މި އަހަރު ނިމުމުގެ ކުރިން ޒިޔާރަތްކޮށް އާއްމުންނާއި ކަމާގުޅޭ ފަރާތްތައް އަދި ވިޔަފާރިވެރިންނާ ބައްދަލުކޮށް ހިޔާލު ހޯދުމަކީ ނެކްސިއާގެ އަމާޒެކެވެ.

މިފަދަ މަޝްރޫއު ކުރިއަށް ގެންދިއުމުގެ މަގްސަދަކީ ސަރުކާރުން ބުނިގޮތުގައި ދައުލަތް ހިންގުމުގައި ޑިމޮކްރެސީގެ ރިވެތި ހަމަތަކެއް ބަލައިގެންފައިވާ ގައުމެއްގެ ގޮތުގައި ދެމިތިބެ، އެންމެ ފައިދާވާނެ ގޮތްތައް ބަލައި، ހިންގާ މަޝްރޫއުތަކާ ކުރު ރާސްތާގެ ރޭވުންތަކުގެ ސަބަބުން މާލީގޮތުން އިސްރާފު ނުކޮށް، ގައުމު ދަރަނިވެރިވުން ކުޑަރުމަށެވެ. އަދި ރާއްޖޭގެ ކުރިމަގު ބިނާކުރުމަށް އަމާޒުކޮށް އެކި ދުވަސްވަރު އެކުލަވާލާފައިވާ މިފަދަ ތަސައްވުރުތަކުގެ ސަބަބުން ގައުމަށް ލިބުނު އިބުރަތްތެރި ފިލާވަޅުތަކުގެ މައްޗަށް ބަލައި މުސްތަގުބަލް ބިނާކުރުމަކީ ވެސް މަގްސަދެކެވެ.