ގައުމީ ގުރުއާން މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް ޕީއެޗްޑީއާ ހަަމަޔަށް ސްކޮލާޝިޕް ދެނީ

ގައުމީ ގުރުއާން މުބާރާތުން ވަނަ ހޯދި ފަރާތްތަކަށް ރައީސް އިނާމު ދެއްވަނީ

ގައުމީ ގުރުއާން މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް ޕީއެޗްޑީއާ ހަަމަޔަށް ސްކޮލާޝިޕް ދެނީ

SHARE

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމަޔަށް ކިޔެވުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ.

ރައީސް މިފަދައިން ވިދާޅުވީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް އިއުލާނުކުރެއްވި ގޮތުގައި، އެ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ، އަދި ހާފިޒުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް ތައުލީމް ހާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމަޔަށް އެފަރާތަކުން ބޭނުން ގައުމަކުން ތައުލީމް ހާސިލު ކުރުމަށް ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕެއް ލިބޭނެ އެވެ. 
ގުރުއާން މުބާރާތުން އެއް ވަނަ ހޯދާ ފަރާތްތަކަށް މިފަދަ އިނާމުތަކެއް ދިނުމަށް ރައީސް ނިންމެވިއިރު، އެ މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ފަހުގެ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރު އިނާމު ދިނުމަށް ބޭއްވި ޖަލްސާގަ ރައީސް ވަނީ އިއުލާނުކުރައްވާފަ އެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ، އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ އަދި އެންމެ ބޮޑު އިނާމްތަކެއް ދެވެން ވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް ކަމަށް ގަބޫލުފުޅުކުރައްވާތީ އެވެ.
އެމަނިކުފާނު ވިދާޅުވީ 1 ވަނަ ހޯދާ ފަރާތްތަކުގެ އިތުރުން މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސްގެ އިނާމުގެ ތެރޭގައި އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ހިމެނޭނެ ކަމަށެވެ. މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީން ދޭ އިނާމުތައް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވާނެ ކަމަށް ރައީސް ވިދާޅުވި އެެވެ. އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުސަތުވެސް އިތުރަށް ފަހިވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.