ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑު (މޯލްޑިވް ގޭސް)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި، އަބްދުﷲ މައުމޫން (ގޭސް މާނު) ގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ، އޭނާ 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
މައުމޫންގެ މައްޗަށް ދައުލަތުން ރިޝްވަތު ހިފުމުގެ 7 ދައުވާއެއް ކުރެ އެވެ. އޭނާގެ މައްޗަށް ސާބިތުވީ، 2016 ވަނަ އަހަރު ގޭސް ކުންފުނީގެ އެމްޑީއަކަށް ހުންނަވައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގިކަމަށް ތުހުމަތުކޮށް ދައުލަތުން އުފުލި ރިޝްވަތު ހިފުމުގެ ދެ ދައުވާ އެވެ.
ގާނޫނުލްއުގޫބާތުގެ ދަށުން ރިޝްވަތުގެ ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެ އަދަބުގެ ދަރަޖަ މަތިކޮށް ބޮޑު އަދަބެއް އޭނާއަށް ދިނުމަށް ދައުލަތުން އެދުމުން، ކޯޓުން ވަނީ އޭނާގެ އަދަބު ބޮޑުކޮށްފަ އެވެ. އެއާއެކު ކޯޓުން ހުކުމް ކުރީ އޭނާ 12 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށް ލުމަށެވެ.