ރާއްޖެއިން މަރުވާ މީހުންގެ 36 އިންސައްތަ މީހުންނަކީ ހިތުގެ ބަލީގަ މަރުވާ މީހުން ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ހިތުގެ ދުވަހާ ގުޅުވައި ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި ވެސް ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން ގިނަވެ، މަރުވާ މީހުންގެ %84 މީހުން އެފަދަ ބަލިތައް ތަހައްމަލު ކުރާ ކަމަށެވެ. މީގެ ތެރެއިން މަރުވާ %36 މީހުންނަކީ ހިތުގެ ބަލީގައި މަރުވާ މީހުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ގައިން ގަޔަށް ނާރާ ބަލިތަކަށް ހުށަހެޅޭ ގޮތް ދެނެގަތުމަށާއި ބަލި ދުރާލާ ދެނެގަތުމަށް ސްކްރީންކުރުމުގެ އިންތިޒާމުތައް ރަނގަޅު ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއާ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އަތޮޅު ތެރޭގައި އެ ނިޒާމު ހަރުދަނާކުރުމަށް ފެށިފައިވާ މަސައްކަތުގެ ދަށުން މިއަހަރުގެ ޖުލައިގެ ނިޔަލަށް ޖުމްލަ 11 އަތޮޅެއްގެ ސިއްހީ ދާއިރާގެ ގިނަ ހިދުމަތްތެރިންނަށް ކަމާ ގުޅޭ ތަމްރީނުތައް ދެވިފައިވާ ކަމަށެވެ. މި ތަމްރީނުތައް ހިންގަމުންދަނީ އަތޮޅުތަކަކީ ފ، އދ، ނ، ޅ، ތ، މ، ބ، ދ، ރ، ގދ، އަދި ފުވައްމުލަކު ގަ އެވެ.
ބާކީ ހުރި އަތޮޅުތަކުގެ ތަމްރީނުތައް އަންނަ އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި ނިންމުމަށް ރޭވިފައިވާކަން ފާހަގަކޮށް އެބަޔާނުގައި ވަނީ މަސައްކަތް ފެށިފައިވާ އަތޮޅުތަކުގައި އުމުރުން 35 އަހަރުން މަތީގެ މީހުން ގައިން ގަޔަށް ނާރާ ބަލިތަކަށް ސްކްރީންކޮށް އެ މައުލޫމާތުތައް ބެލެހެއްޓެމުން ދާ ކަމަށެވެ، އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 24773 މީހުން ގައިންގަޔަށް ނާރާ ބައްޔަށް ސްކްރީން ކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ. މީގެ ތެރޭގައި 4461 ލޭ މައްޗަށް ދާ މީހުން ރިކޯޑު ކުރެވިފައިވާއިރު އެއީހިތުގެ ބައްޔަށް މީހުން ހުށައެޅޭ ހިރާސްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހަކީ ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. "ޑޯންޓް މިސް އަ ބީޓް"ގެ ޝިއާރުގެ ދަށުން ކޮންމެ މީހަކުވެސް، ހިތުގެ ބަލިން ރައްކާތެރިވުމަށް އަމަލީގޮތުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމާއި ދުރާލާ ހިތުގެ ބައްޔަށް ސްކްރީންކުރުމަށް އަހުލުވެރިކުރުވުމަށް ބާރުއެޅޭނެ އެވެ.