ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑުތަކުން ކޮންމެ މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބޮޑުކުރުމަށް ނިންމައިފި އެވެ.
މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްުޔާ ޑރ. މުހައްމަދު މުއިއްޒުު 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ކްރެޑިޓް ކާޑު ލިމިޓަށް ގެންނަ ބަދަލުތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން:
- ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށްް ބޮޑުކުރުން
- ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް ބޮޑުކުރުން
- ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑުކުރުން
ރައީސް ވިދާޅުވި ގޮތުގައި، އަންނަ ފެބްރުއަރީ 1 އިން ފެށިގެން މި ނިންމުން ތަންފީޒުކުރަން ފަށާނެ އެވެ.
މި އަހަރުގެ ނޮވެންބަރު މަހުގެ 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކަށް ފައިސާދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރުކުރުމަށް ނިންމަވާފައިވާކަން ވެސް ރައީސް ވަނީ މިދިޔަ ހަފްތާގައި ހާމަކުރައްވާފަ އެވެ. އަދި އެއާލައިންތަކުން ޓިކެޓު ގަތުމާއި، ރާއްޖެއިން ބޭރުން ހޮޓާތަކަށް ފައިސާ ދެއްކޭ އަދަދު ތިންހާސް ޑޮލަރަށް އިތުރުކޮށް، ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާފަރާތްކަށް، ބޭންކުގައި އެދުމުން އެ ފައިސާ ހޮސްޕިޓަލްތަކަށް ޑެބިޓްކާޑް މެދުވެރިކޮށް، ދެއްކޭނެ އިންތިޒާމް ހަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.