ޕާސްޕޯޓު ހެއްދުމަށްފަހު ނުނަގައި ގިނަ ދުވަސް ވެފައިވާ ޕާސްޕޯޓުތައް 31 ޑިސެމްބަރުގެ ފަހުން ކެންސަލް ކުރާނެކަމަށް، މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން ވިދާޅުވީ ދިވެހި ޕާސްޕޯޓު ހެއްދުމަށްފަހު، ޕާސްޕޯޓުގެ ވެރިފަރާތުން ޕާސްޕޯޓާ ހަވާލުނުވެ ގިނަދުވަސް ވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ޕާސްޕޯޓު ހެއްދުމަށްފަހު ޕާސްޕޯޓާ ހަވާލުނުވެ، 6 މަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާ ފަރާތް ތަކުން، 2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން، ޕާސްޕޯޓާ ހަވާލުވުމަށް ވަނީ އެދިފައެވެ.އިމިގްރޭޝަނުން އިތުރަށް ބުނީ އެމުއްދަތުގެ ނިޔަލަށް، ޕާސްޕޯޓާއި ހަވާލުނުވާ ފަރާތްތަކުގެ ޕާސްޕޯޓުތައް، ޕާސްޕޯޓާބެހޭ ގަވައިދުގެ 19 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކެންސަލް ކުރާނެ ކަމަށެވެ.
ދިވެހި ޕާސްޕޯޓާއި ބެހޭ ގަވާއިދުގައިވާގޮތުން ޕާސްޕޯޓު ހެއްދުމަށްފަހު، ނުނަގައި ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާ ޕާސްޕޯޓުތައް ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން ކަނޑައަޅާ މުއްދަތަކަށްފަހު ބާތިލު ކުރެވޭނެއެވެ.