ށ. ފޭދޫ ކައުންސިލްގެ ކުރީގެ ރައީސް މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ފޭދޫގެ ގެއެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާ އެކުގަ އެވެ. މި އޮޕަރޭޝަނަކީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 24 ވަނަ ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 2 ކަރުދާސްކޮޅާއެކު 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެމީހުންނަކީ، ށ. ފޭދޫ، ސައިމާގެ މުހައްމަދު މުސްތަފާއާއި އެރަށު، ލައިޓްހައުސް، ފާތިމަތު ނައިލާ އެވެ. އެނގިފައިވާގޮތުގައި އެ ދެމީހުންނަކީ ދެމަފިރިންނެވެ. މީގެއިތުރުން، މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ ފައިސާ ވެސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ދެމީހުންގެ ތެރެއިން މުޙައްމަދު މުޞްތަފާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. އަދި ފާތިމަތު ނާއިލާ 7 ދުވަހަށް ބަންދުކުރުމަށް އަމުރުކުރި ނަމަވެސް، އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ފަހުން ވަނީ ދޫކޮށްލާފައެވެ.
މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
މި މައްސަލާގައި ހައްޔަރުކުރި މުސްތަފާ އަކީ އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް އެވެ. އޭނާ މަގާމުން ވަކިކުރީ 2020 ވަނަ އަހަރު ގިނަ ބައެއްގެ ފަރާތުން ޝަކުވާތައް ލިބި އޭނާގެ އިތުބާރު ނެތްކަމަށް ފާސްކޮށްގެންނެވެ.