ފެނަކަ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ސާބިތުވެ، 4 އަހަރުގެ ޖަލު ހުކުމެއް

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު (ފޮޓޯ/ އައްޑޫ ލައިވް)

ފެނަކަ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ސާބިތުވެ، 4 އަހަރުގެ ޖަލު ހުކުމެއް

SHARE

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، 4 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ސައީދަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް އިއްވާފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގަ ބޭނުން ކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމާ ގުޅިގެން ނެވެ.

މިކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ މައްސަލަ ސާބިތުވެ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ. މިއީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށަކަށްވާއިރު އެ ކުށުގެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ.

ސައީދުގެ މައްޗަށް މިއަދު ސާބިތުވީ މާކެޓިން، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމެންޓް ކުންފުންޏެއް ކަމަށްވާ، ބްލޭޒަން އިން މަސައްކަތް ނިންމިކަން ޔަގީންނުކޮށް މަސައްކަތަށްވާ ފައިސާ ދޫކުރި މައްސަލައެއްގައި ކުރި ދައުވާ އަކަށެވެ.

ސައީދުގެ އިތުރުން ފެނަކައިގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާ ސޯލިހުގެ މައްޗަށް ވެސް މި މައްސަލައިގައި ދައުވާ އުފުލާފައިވެ އެވެ. ކުންފުނީގެ އޭރުގެ ވެރިންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް، 848،000 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ޕީޖީން ގަބޫލުކުރެ އެވެ

ސައީދުގެ މައްޗަށް އިތުރު މައްސަލައެއްގައި ވެސް ވަނީ ދައުވާކޮށްފަ އެވެ. އަދި އިތުރު މައްސަލަތަކެއް މިހާރު ވެސް ދަނީ ތަހުގީގުކުރަމުން ނެވެ.