ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތު ދީފިއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލްތައް ހިއްސާކުރަމުން އެމްޓީސީސީން ބުނެފައިވަނީ މިހާރު ބަނދަރު ތޮށި ހެދުމަށް ބޭނުންވާ ޕްރީކާސްޓް ޕެނަލްތަކުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.
ކުއޭ ވޯލް ކެޕިން ކޮންކްރީޓްގެ މަސައްކަތް ވެސް ކުރިޔަށް ގެންދާކަމާއި، އެ މަސަތްކަތުގެ %33 ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ބާކީ ހުރި ކުއޭ ވޯލް ކެޕިންގެ ރިއިންފޯސްމަންޓްގެ މަސައްކަތް ފަށާާފައިވާ ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.
144 މިލިއަން ރުފިޔާއަށް ހިންގާ މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރެވޭއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގު 4 ލޭނަށް ތަރައްޤީކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ. މި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއަށް ދެވިފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ މުއްދަތެކެވެ.