ސައީދާއެކު ވައްކަން ކުރި އެންމެންގެ މައްސަލަ ބަލައި ގެއްލުނު ފައިސާ ހޯދަން ގޮވާލައިފި

ލޯކަލް ގަވާމެންޓު މިނިސްޓަރު އާދަމް ޝަރީފް

ސައީދާއެކު ވައްކަން ކުރި އެންމެންގެ މައްސަލަ ބަލައި ގެއްލުނު ފައިސާ ހޯދަން ގޮވާލައިފި

SHARE

އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވިއިރު ހިންގި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލުވި އެންމެންގެ މައްސަލަ ބަލައި، އެ ޚިޔާނާތްތަކުގެ ތެރެއިން ގެއްލުނު ފައިސާ ރައްޔިތުންނަށް ހޯދައިދިނުމަށް ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް ގޮވާލައްވައިފި އެވެ.

އޭނާ މިގޮތަށް ގޮވާލެއްވީ، 2021 އިން 2023 ގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ މުއާމަލާތްތަކާ ގުޅިގެން ނެރުނު އޮޑިޓު ރިޕޯޓުން، ގިނަ މައްސަލަތަކެއް ފަޅާއަރާފައިވަނި ކޮށެވެ. މި ޚިޔާނާތްތަކުގައި 2.2 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި ވެސް ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވުނެވެ. އޭސީސީ އަދި ރައްޔިތުންގެ މަޖިލީހަށް ވެސް އެ މައްސަލަތައް ހުށަހެޅުނެވެ. އެހެންނަމަވެސް އޭރު އެ މައްސަލަތައް ބަލާފައެއް ނުވެ އެވެ.

އެ މައްސަލަތައް އެ ސަރުކާރުން ނުބެލި ކަމަށް ވިދާޅުވެ މިނިސްޓަރު މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ "އެމްޑީ ސައީދަށް އެކަނި މިވަރުގެ ބޮޑެތި ވައްކަންތައް ނުކުރެވޭނެ" ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ދައުލަތުގެ ޒިންމާއަކަށް ވާންޖެހޭނީ ހަމައެކަނި އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގަ މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި އެކަމުހައި ޝާމިލުވާ އެންމެންޏާ މެދު އިންސާފުވެރި ތަހުގީގެއް ހިންގުން ކަމަށެވެ. އަދި މިހާ ދުވަހު އަޅާނުލައި ތިބި މުއައްސަސާތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާ ދުވަހު އަޅާނުލާ ތިބި މުއައްސަސާތައް ޖަވާބުދާރީކުރުވަން ޖެހޭ ކަމަށެވެ.

"މި ގައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެން" އާދަމް ޝަރީފް ވިދާޅުވި އެވެ.