ސައީދުގެ އެމްޑީކަމުގައި ފެނަކަ މެދުވެރިކޮށް ބޮޑެތި ޚިޔާނާތްތަކެއް

ފެނަކައިގެ ކުރީގެ އެމްޑީ ސައީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްަމަދު ސޯލިހު

ސައީދުގެ އެމްޑީކަމުގައި ފެނަކަ މެދުވެރިކޮށް ބޮޑެތި ޚިޔާނާތްތަކެއް

SHARE

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އަހުމަދު ސައީދު، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ހިންގެވި ކަމަށް ތުހުމަތުވާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް އޮޑިޓް ރިޕޯޓުން ފެންމަތިވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާއްމުކުރި ފެނަކައިގެ ޚާއްސަ އޮޑިޓު ރިޕޯޓުގައި އެ ކުންފުނި މެދުވެރިކޮށް ހިންގި ބޮޑެތި މައްސަލަތަކެއް ވަނީ ހާމަވެފަ އެވެ.

އެ އޮޑިޓުގައި ބުނެފައިވާ ގޮތުން 2021 އިން 2023 ވަނަ އަހަރުގެ ނިޔަލަށް 8.8 ބިލިއަން ރުފިޔާ މުދަލާއި ޚިދުމަތް ހޯދުމަށް ފެނަކަ އިން ހަރަދުކޮށްފައިވެ އެވެ. އެ ހަރަދުތަކުގެ ތެރޭގައި ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކުރާއިރު އެވަގުތަށް މުހިއްމު ނޫން މަސައްކަތްތަކަށް މުދަލާއި ޚިދުމަތް ހޯދުމުގެ ނަމުގައި ބޮޑެތި ގެއްލުން ވާގޮތަށް ފައިސާ ހޭދަކުރިކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން، 2021 އިން 2023 ގެ ނިޔަލަށް:

  • 2.2 ބިލިއަން ރުފިޔާގެ 674 އެއްބަސްވުމުގައި ސޮއިކުރެވުނު. އޭގެ ތެރެއިން 439 އެއްބަސްވުމުގެ ދަށުން 1.3 ބިލިއަން ރުފިޔާގެ މުދަލާޢި ހިދުމަތް ހޯދަން ހަވާލުކުރީ ބީލަމު އުސޫލުން ބޭރުން އެކި ފަރާތްތަކާ އެ މަސައްކަތް ހަވާލުކޮށްގެން
  • ރަށްރަށުގައި ހިންގި އާ އިންޖީނުގެއާއި އޮފީސް އިމާރާތް ކުރުމުގެ 57 މަޝްރޫއުއަކަށް 2024 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 1.07 ބިލިއަން ރުފިޔާ  ހަރަދުކުރި. އެކަމަކު އޭގެ ތެރެއިން 41 މަޝްރޫއުގެ މަސައްކަތް ނިމިފައެއް ނުވޭ، މަސައްކަތް ނިންމަން އިތުރު 241 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށް ބެލެވޭ، އަދި މަޝްރޫއުތައް ނިންމަން މާކެޓު އަގަށް ވުރެ އިތުރަށް، 767 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޮޑިޓުގައި ލަފާކުރޭ
  • އެ މަޝްރޫއުތަކުގެ ބޭނުމަށް މުދަލާއި ތަކެތި އެއް ރަށުން އަންނަ ރަށަށް ފޮނުވުމުގެ މަސައްކަތަށް އެކި ފަރާތްތަކާއެކު 191 މިލިއަން ރުފިޔާގެ 612 އެއްބަސްވުމެއް ހެދި؛ އޭގެ 344 އެއްބަސްވުމުގެ ދަށުން މުދާ އުފުލުމުގެ މަސައްކަތް ހަވާލުކުރީ މާކެޓު އަގުތަކަށް ވުރެ ބޮޑު އަގުގައި، ގާތްގަނޑަކަށް 47.5 މިލިއަން ރުފިޔާ ބޮޑުކޮށް
  • އިންޖީނުގެއާއި އޮފީސް އިމާރާތްތައް ތަރައްގީކުރަން ހިންގި މަޝްރޫއުތަކުގެ އެކި މަސައްކަތްތައް ހަވާލުކުރުމަށް ސޮއިކުރި 78 އެއްބަސްވުމެއް ބާތިލުކޮށްފައިވޭ؛ އޭގެތެރެއިން 48 އެއްބަސްވުމުގެ ދަށުން އެޑްވާންސަށް ދޫކުރި 33 މިލިއަން ރުފިޔާގެ ތެރެއިން 22 މިލިއަން ރުފިޔާ އަނބުރާ ހޯދަންޖެހޭ

މީގެއިތުރުން، ރަށްރަށުގައި އިންޖީނުގޭގެ އާ އޮފީސް އިމާރާތްކުރުމާއި އެފަދަ ތަންތަން އިތުރަށް ތަރައްގީކުރުމަށް 2021 އިން 2023 ގެ ނިޔަލަށް ހިންގި މަޝްރޫއުތަކުގައި މަސައްކަތް ކުރި ވަގުތީ މުވައްޒަފުންގެ ކެއުމުގެ ހަރަދަށް އިތުރު 14.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަން ވެސް ހާމަވެފައިވެ އެވެ. އެގޮތުން، ވަގުތީ މުވައްޒަފުންނަށް ކެއުން ފޯރުކޮށްދިނުމުގެ މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރުންނަށް ފައިސާ ދީފަ ވަނީ މަސައްކަތަށް ހާޒިރުވި މުވައްޒަފުންގެ އިތުރަށް ޗާޖުކޮށްފައިވާ އަދަދު ހިމަނައިގެން ކަމަށް އެ ރިޕޯޓުގައި ވެ އެވެ. އެންމެ ބޮޑު ހަރަދެއް އެގޮތަށް ކޮށްފައިވަނީ ގދ. ގައްދޫ އިންޖީނުގެ އިމާރާތް ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއު ގެ ތެރެއިން ނެވެ. އެ މަޝްރޫއުގެ މުވައްޒަފުންގެ ކެއުން ހަމަޖައްސަން ކޮންޓްރެކްޓަރަށް ދޭންޖެހެނީ 4.1 މިލިއަން ރުފިޔާ އެވެ. އެކަމަކު 5.8 މިލިއަން ރުފިޔާ އިތުރަށް، ކޮންޓްރެކްޓަރަށް ޖުމްލަ 9.9 މިލިއަން ރުފިޔާ ދީފައިވެ އެވެ.

އެ މަޝްރޫއުތައް ކުރިއަށްގެންދަން ކުރި ޚަރަދުތަކުގެ ތެރެއިން 61 މިލިއަން ރުފިޔާގެ ހަރަދުތައް އެއީ ކޮން މަޝްރޫއުއަކަށް، އަދި ކޮން ކަމަކަށް ހުރި ހަރަދެއްކަން އެނގެން ނެތް ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.

މަސައްކަތްތައް އެމްޑީ އާއި މުވައްޒަފުންނާ ގުޅުންހުރި ކުންފުނިތަކަށް

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުއާ ގުޅުންހުރި ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމަށް ތިން އަހަރު ތެރޭގައި 49.7 މިލިއަން ރުފިޔާގެ 92 އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ. އެ ކުންފުނިތަކަށް 31 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

  • 90 އެއްބަސްވުން ހެދީ ސައީދުގެ ޅިޔަނެއްގެ އަމިއްލަ ނަމުގައި ހަދާފައިވާ ދެ ކުންފުންޏަކާ އެކު
  • ބާކީ 2 އެއްބަސްވުން ހެދީ އޭނާގެ ޅިޔަނުގެ ދަރިއެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް
  • މި މަސައްކަތްތައް ހަވާލުކުރީ ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ޚިލާފަށް

މީގެއިތުރުން، ހއ. ދިއްދޫ ބްރާންޗުގައި މަސައްކަތްކުރި ސުޕަވައިޒަރެއްގެ ނަމުގައި ރެޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް މެދުވެރިކޮށް 5.6 މިލިއަން ރުފިޔާގެ މުދަލާއި ޚިދުމަތް ހޯދާފައިވާ ކަމަށް ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ކުންފުނި މެދުވެރިކޮށް 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް މިލިއަނުން ހިންގާފައިވާ ބޮޑެތި ޚިޔާނާތްތައް މި އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެމްޑީޕީގެ ވެރިކަމުގައި ވެސް ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވުނެވެ. އޭސީސީ އަދި ރައްޔިތުންގެ މަޖިލީހަށް ވެސް އެ މައްސަލަތައް ހުށަހެޅުނެވެ. އެހެންނަމަވެސް އޭރު އެ މައްސަލަތައް ބަލާފައެއް ނުވެ އެވެ.

ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި ސައީދު ހިމެނޭހެން އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވީ ސަރުކާރު ބަދަލުވިފަހުން، މި އަހަރުގެ ޖެނުއަރީ މަހު އެވެ.