ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފި އެވެ. އެމަނިކުފާނު ވަނީ އެ ރަށްްރަށުގެ ރައްޔިތުން ދިން މަރުހަބާއާއި، އަދާކުރި މެހުމާންދާރީއަށް ޝުކުރުއަދާކުރައްވާފަ އެވެ.
ރައީސް ރައްޔިތުންނަށް ޝުކުރު އަދާކުރެއްވީ، ހަތަރު އަތޮޅެއްގެ 31 ރަށަކަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު ރަށްކަމަށްވާ، ތ. ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ނެވެ. ރައީސް ވަޑައިގެންނެވީ ވ، ފ، މ، އަދި ތ. އަތޮޅުގެ ރަށްތަކަށެވެ.
ހުރިހާ ރަށެއްގެ ރައްޔިތުން ވެސް އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައި، މެހުމާންދާރީ އަދާކުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމަށް، ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ރަނގަޅަށް ހިއްސާކުރެވިފައިވާ ކަމަށެވެ. އަދި ރައްޔިތުން ގާތަށް ކުރެއްވި މި ދަތުރުފުޅުގެ މަގްސަދު ހާސިލުވެގެންދިޔަ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އިރު، ކޮންމެ ރަށެއްގައި ވެސް މިހާރު ހިނގަމުންދާ އަދި ކުރިއަށް ގެންދަން ރޭވިފައިވާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހިއްސާކޮށްފައިވެ އެވެ. އެގޮތުން ގިނަ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ފަށައި އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ.ބައެއް ރަށްރަށުގައި އާރުޓީއެލް ފެރީ ނިޒާމުގެ ހިދުމަތާއި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުތަކުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތް ވެސް ވަނީ ފަށާފަ އެވެ. އަދި ކައުންސިލް އިދާރާގެ އިމާރާތްތަކުގެ ބިންގާ އެޅުމާއި ފުލުހުންގެ މަރުކަޒުތައް ފަދަ އުމްރާނީ ތަރައްގީއަށް މުހިއްމު މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވަނީ އަޅާފަ އެވެ.
މީގެ އިތުރުން، މުޅި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ މުހިއްމު މަސައްކަތްތަކާއި، ބޭންކިން ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް އަދި އާއްމު ފަރުދުންނަށް ފައިދާކުރާނެ މުހިއްމު ނިންމުންތައް ވެސް އިއުލާނުކުރެވުނެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރާތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ މުހިއްމު ސިޔާސަތެ ކެވެ.