ތ. ދިޔަމިގިލީގެ އޭޓީއެމްގެ ޚިދުމަތް އިފްތިތާހުކޮށް، ފިޓްނެސް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ)ގެ ބިންގާ އަޅައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ދިޔަމިގިއްޔަށް ވަޑައިގެން، އޭޓީއެމްގެ ހިދުމަތް ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ. އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފަ އެވެ.
ދިޔަމިގިލީގަ ގާއިމުކޮށްފައިވާ ބީއެމްއެލްގެ އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެ އެވެ.
މިއާއެކު، އެ ރަށުގައި ގާއިމުކުރާ އެފްއާރުސީގެ އަމަަލީ މަސައްކަތް ފައްޓަަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ.
މި އަހަރާ އަންނަ އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި އެފްއާރްސީތައް ގާއިމުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ އަމާޒަށް ވާސިލުވުމަށް ގިނަ ރަށްރަށުގައި އެ މަސައްކަތް ވަނީ ފެށިފަ އެވެ. އެ މަޝްރޫއުތައް ހިންގަނީ ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްގެން ނެވެ.