ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލާނެ ކަމުގެ ޔަގީންކަން ދެއްވައިފި

ރައީސް. ތ. ކިނބިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލާނެ ކަމުގެ ޔަގީންކަން ދެއްވައިފި

SHARE

ތ. ކިނބިދޫ ރައްޔިތުންނަށް ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، އެ އަތޮޅު ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވެ ޔަގީންކަން ދެއްވީ ރާއްޖޭގެ 4 އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. ކިނބިދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާަ ދއްކެވި ވާހަކަފުޅުގަ އެވެ.

ކިނބިދޫ- ވޭމަންޑޫ ގުޅާލާ، ކޯޒްވޭ މަޝްރޫއު ކުރިއަށްގެންދަވާނީ ރައީސް ވިދާޅުވި ގޮތުގައި ފަތުރުވެރިކަން ފުޅާކުރެވޭ ގޮތަށެވެ، އަދިި މިހާރު އެ މަސައްކަތް ކުރުމަށްޓަކައި ޑިވެލޮޕަރެއް ހޯދުމަށް ހުޅުވާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި މަޝްރޫއަކީ މުޅި ތ. އަތޮޅަށް މުހިއްމު ކުރިއެރުންތަކެއް ލިބިގެންދާނެ މަޝްރޫއެއް ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެއީ ސަރުކާރުން ކުރިއަށްގެންދާ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ މަޝްރޫއުގެ ދަށުން ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށްވެސް މުހިއްމު ސަރަޙައްދެއް ކަމަށެވެ.

ރަށުގެ ހިއްކި ސަރަހައްދުން ގޯތި ދޫކުރުމާއި ސަރުކާރުން ހިންގާ ހައުސިން މަޝްރޫއު ފަދަ ތަރައްގީގެ މަސައްކަތްތަކާއި ގުޅޭ ލޭންޑް ޔޫޒް ޕްލޭން ހެދުމުގައި ވެސް، ކޯޒްވޭ ގުޅުމުން ދެ ރަށަށް އެކަމުގެ ފައިދާ ލިބޭގޮތަށް ރައްޔިތުންގެ މަޝްވަރާއާއެކު ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ކިނބިދޫގެ ތަރައްގީއަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރެއިން ތަޢުލީމީ ދާއިރާއާއި ކުޅިވަރުގެ ދާއިރާގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމުގެ ޔަގީންކަން ދެއްވަމުން ނެވެ.