ތޫނު އެއްޗަކުން ހަމަލާދީ ލ. މާވަށުގައި މީހަކު މަރާލި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
އެ ރަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ 10:12 ހާއިރު އެވެ. މި މާރާމާރީގައި އަނިޔާވި މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެ އެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އަދި މި މައްސަލަ ޕީޖީގެ އޮފީހުން ވަނީ ބަލައިގެންފައެވެ.
މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ހދ. ނޮޅިވަރަންފަރު / އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29އ) ގެ މައްޗަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ޖުލައި 28 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ.