ވޭމަންޑޫގެ މަގުހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފި އެވެ.
މަގު ހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ތ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރޭ އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ.
އާރުޑީސީއާ ހަވާލުކުރި މަގުހެދުމުގެ މި މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް އެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރުމަށް އާރްޑީސީއާ ހަވާލުކުރައްވަމުންނެވެ. ސަރުކާރުން ވިދާޅުވެފައިވަނީ މަގުތައް ތަރައްޤީކުރާނީ ރަށުގެ ރައްޔިތުން ބޭނުންވާގޮތަށްކަމަށެވެ.
އަދި، ވޭމަންޑޫގެ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުހެ މަޝްރޫއުގެ އަމަލީ މަސަތްކަތްވެސް ރޭ ވަނީ ފަށާފަ އެވެ.
އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ. ރައީސް ވަނީ ވޭމަންޑޫގެ ބިން ހިއްކަން ސޮއިކުރި އެއްބަސްވުމުގެދަށުން ރަށުން 25 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެކަމަށާއި މަޝްރޫޢު ނުހުއްޓި އަވަހަށް ނިންމަވާނެކަމަށް ވިދާޅުވެފައެވެ. އަދި ބަނދަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގެދަށުން، ބަނދަރު ބޮޑުކޮށް މިހާރުގެ ބަނދަރުވެސް އަލުން ތަރައްޤީކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއު ތަކުގެ އިތުރުން، ވޭމަންޑޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސަތްކަތް ވެސް ފަށައިފިއެވެ. ވޭމަންޑޫގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
މީގެއިތުރުން، ވޭމަންޑޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް އަދި ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުވެސް ފަށާފައިވެ އެވެ.
ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ.