ކުރިއަށް އޮތް މަސްވެރިންގެ ދުވަހުގެ ކުރިން ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ނުވަތަ އާރުއެސްޑަބްލިއު ސިސްޓަމްތައް ގާއިމްކުރުމަށްޓަކައި ސަރުކާރުން 200 ދޯންޏަކަށް ލޯނު ހަމަޖައްސައިދެއްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ރާއްޖޭގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. ހިރިލަންދޫއަށް ވަޑައިގެން އ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ އާރުއެސްޑަބްލިއު ލޯނު ސްކީމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ބަލައިގަނެފައިވަނީ ހިރިލަންދޫ ރައްޔިތުންގެ ފަރާތުން ލިބުނު ހުށަހެޅުންތައް ކަމަށެވެ.
"ހަތަރު ފަރާތަކަށް ޑިސްބާސްމެންޓް ހަދަން ފަށާފަ ވަނީ، ދެ ފަރާތަކަށް ދޫކުރަން ތައްޔާރުވެފަވަނީ، ޖުމްލަ 6 ފަރާތް މިހާރުވެސް ހިމެނިފަވޭ."
އެ ލޯން ސްކީމްގެ ދަށުން އިތުރު ލޯންތަކެއް ދޫކުރަން ފަށަން ތައްޔާރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ކުރިއަށް އޮތް މަސްވެރިންގެ ދުވަހުގެ ކުރިން އިތުރު 200 ފަރާތަކަށް ލޯނު ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ. ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގަ އެވެ.
" އޭގެ ސަބަބުން ވެސް ޖުމްލަ ގާތްގަނޑަކަށް 250 އެއްހާ ފަރާތަށް.. 300 އެއްހާ ފަރާތަށް އާރުއެސްޑަބްލިއު ލޯނު ދޫކުރެވިގެންދާނެ. " ރައީސް ވިދާޅުވި އެވެ.
މިކަން އެމަނިކުފާނު ސިފަކުރެއްވީ ރަށުގެ މަސްވެރިކަމަށް އަންނާނެ މުހިއްމު ބަދަލެއްގެ ގޮތުގަ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކޯލްޑް ސްޓޯރޭޖެއް ހިރިލަންދޫގައި ގާއިމުކުރައްވާނެ ކަމަށް ވިދާޅުވިއިރު ރަނގަޅު ފެންވަރުގެ ފުޓްސަލް ދަނޑަކާ އިތުރު ކުޅިވަރު ވަސީލަތް ތަރައްގީކޮށްދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ، އެ ރަށުގެ ބަނދަރު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.