އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް މިރުސް އެތެރެކުރި ނަމަވެސް، ތ. ކަނޑޫދޫގެ މިރުސް ހައްދާ ދަނޑުވެރިންނަށް އެކަމުގެ ގެއްލުން ނުވާނޭކަން ޔަގީންކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 4 އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަނޑޫދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ ދަނޑުވެރިކަމުގެ މަސައްކަތް ކުރިއެރުވުމަށް އެސްޓީއޯގެ އެހީއާއެކު މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
އެގޮތަށް އެމަނިކުފާނު ވިދާޅުވީ މިރުސް ހިމެނޭ ގޮތަށް 26 ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން ނެވެ. ރައީސް ވިދާޅުވީ އެކަން ކުރިއަށްދާނީ ރަށުގެ ދަނޑުވެރިންނަށް ގެއްލުން ނުވާނެ ގޮތަކަށް ކަމަށެވެ. އަދި އެއީ ދަނޑުވެރިން ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެސްޓީއޯއިން ވެސް ދަނޑުވެރިންގެ އަތުން މިރުސް ގަންނާނެ ކަމަށާއި އެކަން އެ ކުންފުނިން މިރުސް ގަންނާނީ އެ ރަށުގެ ދަނޑުވެރިންނަށް ގެއްލުން ނުވާ ގޮތަށް ކަމަށެވެ.
އެމަނިކުފާނު ވަނީ ރަށުގެ ދަނޑުވެރިންނަށް ލިބޭ ފައިދާ އިތުރުކޮށްދިނުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައި ހަރަދުކުޑަ ގޮތަކަށް ކަނޑޫދޫގައި މިރުސް ހެއްދުމަށް މިހާރު ހުރި ދަތިތައް ކުޑަކޮށްދޭން ދަނޑުވެރިކަމާބެހޭ ވުޒާރާގެ ޓީމެއް އެ ރަށަށް ފޮނުވުމަށް ނިންމަވާފައިވާ ކަމަށެވެ.