ތ. ކަންޑޫދޫގެ ފުލުހުންގެ މަރުކަޒާއި ކައުންސިލް އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކަނޑޫދޫ އަށް ވަޑައިގެން އެ ރަށު ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މިރަސްމިއްޔާތުގައި ކަނޑޫދޫ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. މި މަސަތްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީއާ އެވެ.
ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. އަރިހުގައި ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އިސްމާއީލް ނަވީން އާދި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފުޅާ ކުރެއްވުމަށް ރައީސް، ޑރ. މުއިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މި މަޝްރޫއުވެސް ހަވާލުކޮށްފައި ވަނީ އާރްޑީސީއާއިއެވެ.
މީގެ އިތުރުން، އެހެން ރަށްތަކެކޭ އެއްގޮތަށް، ކަންޑޫދޫގައި އޭޓީއެމްގެ ހިދުމަތް ވެސް ރަސްމީކޮށް ފައްޓަވައި ދެއްވިއެވެ. އެގޮތުން، މި ރަސްމިއްޔާތުގައި މި ޚިދުމަތް ފަށްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެވެ. މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް އެރަށު ކައުންސިލް ރައީސަށް ހަވާލުކުރައްވާފަ އެވެ.
މިއާއެކު ކަނޑޫދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މި އާރްޑީސީ އާއެކު ސޮއިކުރި އެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް އެވެ.
އަދި މީގެއިތުރުން، ކަނޑޫދޫ ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވެ އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރ، އަޙުމަދު ސަޢުދީ އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ، ޑރ. ޢަބްދުالله މުއްޠަލިބް އެވެ.
މި މަޝްރޫޢުގެ ދަށުން 2 މީޓަރު ފުޅ،ާ 150 މީޓަރު ދިގު މިނުގެ ކޮންކްރީޓް ޖެޓީއެއް ހެދުން ހިމެނެއެވެ. މި މަޝްރޫޢަކީ 7.49 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.