ދިވެހިން އެއްބައިވަންތަކަންމަތީ ދަމަހައްޓަން މަސައްކަތްކުރަން: ރައީސް

main_featured_lg_202203301057581648619878.2021

ދިވެހިން އެއްބައިވަންތަކަންމަތީ ދަމަހައްޓަން މަސައްކަތްކުރަން: ރައީސް

SHARE

އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވީ ދުވަހުގެ ތަހުނިޔާ ފޮނުއްވި ޙިތާބުގައިއެވެ. ރައީސް ވިދާޅުވީ އެކަކު އަނެކަކާ ރީތި ބަހުން މުޚާޠަބުކުރާ، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމަށެވެ.

އަދި މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް، މުޅި ރާއްޖޭގައި އިސްލާމީ އަދި ޤައުމީ ރޫޙު އާލާވެ، ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ އެތައް ޙަރަކާތެއް ސަރުކާރުން ހިންގުމަށް ގަސްދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސްގެ ޚިތާބުގައި އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ދިވެހީންނަށް ދެއްވި ގަދަކީރިތިވަންތަ ﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް ދެ ދުނިޔޭގެ ކާމިޔާބު އެންމެ ހެޔޮގޮތުގައި ހޯދާނޭ ގޮތް އުނގަންނަވައިދެއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރައްވާފައިވެ އެވެ.

ދިވެހީންގެ ޤައުމީ ޙަޔާތަށް އެންމެ ހެޔޮ ބަދަލެއް ގެނުވި އިލާހީ ނިޢުމަތަކީ، ދިވެހި ހުރިހާ ރައްޔިތުން އިސްލާމްދީން ޤަބޫލުކޮށް، ދިވެހީންގެ އުޅުމާއި ގުޅުންތައް އެ މާތް ދީނުގެ އުޞޫލުތަކުގެ މައްޗަށް އަނބުރައިލުންކަމީ ޝައްކެއް އޮތްކަމެއް ނޫންކަން ފާހަގަ ކުރައްވާ ރައީސްގެ ޚިތާބުގައި ވިދާޅުވީ މީގެ 899 އަހަރުކުރީން ރާއްޖެ އިސްލާމްވީ ހާދިސާއިން ހާސިލުވާ ޢިބްރަތްތައް ގިނަގުނަ ކަމަށެވެ.

އެދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް، ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަން މި ޤައުމުގައި ދެމިއޮތީ، ދިވެހީންނަކީ ޙައްޤުގެ މަގުގައި ތިބި އެއްބައިވަންތަ ބަޔަކަށް ވާތީކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ ރަބީޢުލްއާޚިރު މަހެއްގެ 2 ވަނަ ދުވަހެވެ.