ތ. ވިލުފުށި ބިން ހިއްކުމާއި އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ތ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ. އެއަރްޕޯޓުގެ މަސަތްކަތް ކުރިޔަށް ގެންދަނީ އެމްއޭސީއެލް އާއި ގުޅިގެންނެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބޭހޭ ވަޒީރު މޫސާ ޒަމީރު އެވެ. އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އިބްރާޙީމް ޝަރީފް މުހައްމަދު އެވެ.
ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެއާޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓަރ ޒަމީރެވެ.
ވިލުފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވިލުފުއްޓަށް ވެވަޑައިގެންނެވި ހުރިހާ ވައުދުުފުޅެއްގެ ތެރެއިން ވެސް އެންމެ މުހިންމީ އެއާޕޯޓްގެ މަޝްރޫއު ކަމަށެވެ. އަދި މިއަދުން ފެށިގެން ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފުރިހަމަ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން 1،800 މީޓަރުގެ ދިގު ރަންވޭއެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިމަޝްރޫޢު ނިމޭއިރު، މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް އިޤްތިޞާދީގޮތުން ލިބިގެންދާ ކުރިއެރުމަކަށް ވާނެކަމަށް ސަރުކާރުން ޤަބޫލުކުރެ އެވެ.
މީގެއިތުރުން، ވިލުފުށީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާވެސް އަޅާފައިވެ އެވެ. މި މަސަތްކަތް ހަވާލުކޮށްފައިވަނީ، އެމްޓީސީސީއާއީ އެވެ.
މި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙިމެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއާއި، މެންބަރާއި ކައުންސިލް ރައީސްވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ވިލުފުށީގައި އިމާރާތްކުރާ ހޮސްޕިޓަލުގެ މަސައްކަތް 18 މަސްދުވަސް ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސްގެ ރިޔާސީ ވައުފުޅުގެ ތެރެއިން ވިލުފުށީގައި ޕާސްޕޯޓު ހިދުމަތް ފަށާ އޭޓީއެމްގެ ހިދުމަތް ވެސް މި ދަތުރުގައި ފައްޓަވައިދެއްވި އެވެ. އެގޮތުން، ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ކަންކަމާ ބެހޭ ވަޒީރު، އަލީ އިހުސާނެވެ.
މީގެއިތުރުން، ވިލުފުށީ ބީއެމްއެލް ބްރާންޗުގެ ބިންގާ އަޅައި، އެރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް، ވިލުފުށީ ދާއިރާގެ މެމްބަރު، އަދި ވިލުފުށީ ކައުންސިލްގެ ރައީސް އެވެ.