އަމިއްލަ ގޯތީގައި ގެ އަޅަން އިސްކަންދޭ ހައުސިން މަޝްރޫއުއެއް މަޑިފުށީގަ ހިންގަނީ

DSC_9179

އަމިއްލަ ގޯތީގައި ގެ އަޅަން އިސްކަންދޭ ހައުސިން މަޝްރޫއުއެއް މަޑިފުށީގަ ހިންގަނީ

SHARE

އަމިއްލަ ގޯތީގައި ގެ އެޅުމަށް އިސްކަން ދީގެން 50 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއުއެއް ތ. މަޑިފުށީގައި ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވީ ހަތަރު އަތޮޅަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. މަޑިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވަނީ މަޑިފުށީގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރާވާފައިވާ މަޝްރޫއުތަކާ ގުޅިގެން ވާހަކަފުޅު ދައްކަވާފަ އެވެ.

ގެދޮރުވެރިކަމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މިހާރުވެސް ގިނަ މަޝްރޫއުތަކެއް ހަވާލުކުރެވި އަދި މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެގޮތުން، މަޑިފުށީގައި އަމިއްލަ ގޯތީގައި ގެ އެޅުމަށް އިސްކަން ދީގެން 50 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއުއެއް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ވިދާޅުވި އެވެ.

"50 ގޯތީގައި 50 ޔުނިޓު އެގޮތަށް ވެސް އެޅިދާނެ. ވަކިވަކިން ވަކި ސަރަހައްދެއްގައި ވެސް އެޅިދާނެ. " ރައީސް ވިދާޅުވި އެވެ.

ރައީސް އެދިވަޑައިގެންނެވީ އެ މަޝްރޫއު ހިންގުމަށް ރައްޔިތުން އެދޭ ގޮތް ކައުންސިލް މެދުވެރިކޮށް އެންގުމަށެވެ. އެ މަޝްރޫއު އާއެކު، 50 އާއިލާއަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ

މީގެއިތުރުން، ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް ޚާއްސަކޮށްގެން ސަރުކާރުން ހުޅުވާލި "ހިޔާވެހި ފައިނޭންސިން" ސްކީމްގެ ދަށުން ފުރަތަމަ މަރުހަލާގައި ހޮވުނު ފަރާތްތަކަށް ވަރަށް އަވަހަށް ލޯނު ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ރަށުގެ ރައްޔިތުން ހިމެނޭ ގޮތަށް، އެ ސްކީމުން ހޮވުނު ފަރާތްތަކަށް 5% ގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.