މ. ކޮޅުފުށީގައި ނިމިފައިވާ 100 ގެއަށް ނަރުދަމާ ނިޒާމް ގުޅައިދިނުމަށް އެ ރަށު ކައުންސިލުން މިއަދު އެދިއްޖެ އެވެ.
ކައުންސިލުން މިގޮތަށް އެދުނީ ރާއްޖޭގެ 4 އަތޮޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްުޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. ކޮޅުފުއްޓަށް ވަޑައިގެން، އެ ރަށު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ރައޯސާ ހިއްސާކޮށްފަ އެވެ. އެގޮތުން ރަށުގައި މިހާރު ނިމިފައިވާ 100 ގެއަށް ނަރުދަމާ ނިޒާމް ގުޅައިދިނުމާއި، ފެނަކަ އޮފީހުގެ މަސައްކަތް ނިންމައިދިނުމަށް އެދިފައިވެ އެވެ. އަދި ރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ޖެންސެޓެއް ބޭނުންވާކަމާއި ސްކޫލަށް ރަނގަޅު ފެންވަރުގެ ލައިބްރަރީއަކާއި އިތުރު ޖާގަ ބޭނުންވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެކަމަށް ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ ބައްލަވާފަ އެވެ.