ބޭރުގެ މިޝަންތަކުން ސެޓްފިކެޓު އެޓެސްޓުކުރުމަށް ލޯޔަރުންނަށް ގާނޫނީ ހުރަހެއް ނެތް

2022 ގެ ބާ އިމްތިހާނުގެ ތެރެއިން (ފޮޓޯ/ބާ ކައުންސިލް)

ބޭރުގެ މިޝަންތަކުން ސެޓްފިކެޓު އެޓެސްޓުކުރުމަށް ލޯޔަރުންނަށް ގާނޫނީ ހުރަހެއް ނެތް

SHARE

ބޭރު ގައުމުތަކުގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ގާނޫނީ ވަކީލުންނަށް ރަސްމީ ލިޔުންތަކާއި، ތައުލީމީ ސެޓްފިކެޓުތަކާއި ސަނަދުތަކުގައި އަސްލާ އެއްގޮތް ކަމުގެ ތަތްގަނޑު ޖެހުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ބާ ކައުންސިލުން ބުނެފި އެވެ.

ބާ ކައުންސިލުން މިގޮތަށް ބުނެ މިއަދު ބަޔާނެއް ނެރުނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން މިފަހުން ނެރުނު "މޯލްޑީވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތަތްގަނޑު ޖެހުމާ ގުޅޭ އުސޫލާ" ގުޅިގެން ނެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގައި ބުނަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންނުކުރާހާ ހިނދަކު، އަސްލާ އެއްގޮތްކަމުގެ ތަތްގަނޑު ޖެހޭނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ގާނޫނީ ވަކީލުން ކަމަށެވެ. އެ މާއްދާގެ (ރ) ދަށުން ރަސްމީ އިދާރާތަކުންނައި ރެޖިސްޓްރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުމެއްގައި އަސްލާ އެއްގޮތް ކަމުގެ ތަތްގަނޑު ޖެހިދާނެ ކަމާއި އަދި ރައްޔިތުންނަށް ދޫކޮށްފައިވާ ރަސްމީ ލިޔެކިއުންތައް ނުވަތަ ތައުލީމީ ސަނަދުތައް ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި އެ ގައުމެއްގެ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތަތްގަނޑު ޖެހޭ ކަމެއް ކަމަށެވެ.

އެކަން ފާަހަގަކޮށް ބާ ކައުންސިލުން ބުނީ، މި އުސޫލަކީ، އެ މާއްދާގައިވާ ގޮތަށް އަމަލުކުރުމަށްޓަކައި އެމްކިއުއޭއިން ދޫކޮށްފައިވާ ލިޔެކިއުންތަަކުގައި އަސްލާ އެއްގޮތް ކަމުގެ ތަތްގަނޑު ޖެހުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ކަނޑައަޅާފައިވާ އުސޫލެއް ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތަތްގަނޑު ޖެހުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.