އިސްލާމީ މަރުކަޒު ޑިޒައިންކުރި މެލޭޝިޔާގެ އާކިޓެކްޓު، ހަޖީދާރު އަބްދުލް މަޖީދު 40 އަހަރު ފަހުން ރާއްޖެއަށް ޒިޔާރާތްކުރައްވައިފި އެވެ.
ހަޖީދާރު ވަނީ ރާއްޖެ ވަޑައިގެން އޭނާ މީގެ 40 އަހަރު ކުރިން ޑިޒައިންކުރި އިސްލާމީ މަރުކަޒަށް އިއްޔެ ޒިޔާރާތްކުރައްވާފަ އެވެ. އޭނާ އަށް މަރުހަބާ ކިޔުމަށްޓަކައި އިސްލާމިކް މިނިސްޓްރީީން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ހަޖީދާރަށް ޝުކުރު އަދާކުރައްވައި، އިސްލާމީ މަރުކަޒު ބިިނާކުރުމުގައި އޭނާގެ ދައުރު ފާހަގަކުރެއްވި އެވެ.
ގިނަ އިސްލާމީ ގައުމުތަކެއްގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރި އިސްލާމީ މަރުކަޒު ބިނާކުރެވުނީ ކުރީގެ ރައީސް އަބްދުﷲ މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ. މި ރަސްމިއްޔާތުގައި މައުމޫން ފަންޑޭޝަންގެ ފަރާތުން އެ ފައުންޑޭޝަންގެ ވައިސް ޗެއާމަން ފާރިސް މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިސްޓަރު ޝަހީމް ވަނީ އެ މިސްކިތް ބިނާކުރުމުގައި ރައީސް މައުމޫންގެ ދައުރު ފާހަގަކުރައްވާފަ އެވެ. މަރުކަޒުގެ މިހުރާބުގޭގައި ބަހައްޓާފައި ހުރި ލިޔުންތަކުގެ ތެރެއިން ނޫކުލައިގެ ފިލާގަނޑުގައި ހަރުކޮށްފައިވާ ލިޔުންތަކަކީ މައުމޫންގެ އަތުލިޔުއްވުންތަކެވެ.
މިނިސްޓަރު ސިފަކުރެއްވި ގޮތުގައި އާކިޓެކްޓުގެ މި ޒިޔާރާތަކީ ވަރަށް ތާރީހީ ޒިޔާރާތެކެވެ.