އިންޑިއާގެ ކާގޯ ބޯޓަކުން ވިލިމާލެ ކައިރިން ރޭ ކަނޑަށް ވެއްޓުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފްގެ މަޢުލޫމާތު ދީފައިވާ ގޮތުގައި، ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓެއް ކަމަށްވާ "އެމްއެސްވީ ޑައުލާ" އިން ކަނޑަށް ވެއްޓުނު މީހަކު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކަނޑަށް ވެއްޓިފައިވަނީ އިންޑިއާގެ ރައްޔިތެކެވެ.
މި ހާދިސާ ހިންގައިދިޔަ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ރޭ 23:35 ހާއިރުއެވެ. އެމީހާ ވެއްޓުނުތާ މިހާރު 10 ގަޑި އިރު ވެފައިވާއިރު، އަދިވެސް އެމީހާ ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ،
އެމްއެންޑީއެފުން އިތުރަށް ބުނީ ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުންދާ ކަމަށެވެ.