ރައީސުލްޖުމްހޫރިއްޔާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފި

T0UFoLKuAMZTlLASBxNAPq25RU

ރައީސުލްޖުމްހޫރިއްޔާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފި

SHARE

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފިއެވެ.

މި ކައުންސިލް އުފެއްދެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކުގައެވެ

ކައުންސިލް އުފެއްދެވުމުގެ މައިގަނޑު މަޤްޞަދުތަކަކީ، "މޯލްޑިވްސް 2.0 – ޑިޖިޓަލް-ފަސްޓް ނޭޝަން" ތަސައްވުރު ޤާއިމުކުރުމަށް ތައްޔާރުކޮށްފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޛުކުރުމުގެ މަސައްކަތްތައް ފަހިކޮށްދިނުންނުން، މަގުޗާޓުގައިވާ ކަންކަމާ ގުޅޭގޮތުން ލަފާދިނުން އަދި މަސައްކަތްތައް ބެލެހެއްޓުން އެވެ.

މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. "މޯލްޑިވްސް 2.0″ އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދުތަކަކީ، ޑިޖިޓަލް ދާއިރާއިން ދިވެހިރާއްޖެއަށް އިންޤިލާބީ އަދި އިޞްލާޙީ ބަދަލުތަކެއް ގެނައުން، ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެފުށްފެންނަ، ހަލުވި އަދި ރައްކާތެރި ޚިދުމަތްތަކަކަށް ހެދުން އަދި ދައުލަތުގެ ޚިދުމަތްތަކާއި މުއައްސަސާތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މި ކައުންސިލް އުފެއްދެވުމާއެކު، ދިވެހިރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް އިތުރަށް ހަލުވިވެ، ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން އިތުރަށް ހިފޭނެ ކަމަށް ބެލެވެ އެވެ.