ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާއިން ބަލައިގަތުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފި އެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ އިނގިރޭސިވިލާތާއި، ކެނެޑާ އަދި އޮސްޓްރޭލިއާއިން ރަސްމީކޮށް ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމުން އެކަމަށް މަރުހަބާ ކިޔާކަމަށެވެ. އަދި މިއީ މި ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ލިބިގެންދިޔަ ކުރިއެރުމެއްކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މިކަމުން ފަލަސްޠީނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމާމެދު ޤައުމުތަކުގެ މެދުގައި ޚިޔާލު އެއްގޮތްކަން ހާމަވާކަމަށްވެސް ސަރުކާރުގެ ބަޔާނުގައިވެ އެވެ.
އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ އަދި ކެނެޑާއިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެ މި ތާރީޚީ ނިންމުމަކީ ސަރަހައްދުގެ ސުލްހައަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ. މި ތިން ގައުމުން ވެސް ފާހަގަކޮށްފައިވަނީ މިއީ ދެ ދައުލަތުގެ ހައްލަށް މަގުފަހިކޮށް، ސަރަހައްދަށް ދެމެހެއްޓެނިވި ސުލްހައެއް ގެނައުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.