މ. މުލައް ސިއްހި މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރަން އަޅާ އިމާރަތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މުލަކުގައި ހޮސްޕިޓަލް އާ އިމާރާތް އެޅުމުގެ މަސައްކަތް ކުރާނީ އާރުޑީސީންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މި މަޝްރޫއުގެ މަސައްކަތް ފައްޓަވާ ދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އަރިހުގައި މުލަކު ދާއިރާގެ މަޖިލިސް މެމްބަރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އަދި މުލަކު ކައުންސިލްގެ ރައީސް އަޙްމަދު ޖަމާލް ވެސް ބައިވެރިވެވަޑައިގަތެވެ.
މ. މުލަކު ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތުގެ އަގަކީ 26,469,925.89 ރުފިޔާއެވެ. މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ މި އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހެެވެ.
މީގެއިތުރުން، މުލަކުގެ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރުޑީސީއާ އެވެ.
ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން، މުލަކު ދާއިރާގެ މަޖިލިސް މެމްބަރު، ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަދި މުލަކު ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގަތެވެ.