ފީއަލީގެ ރައްޔިތުން އެދުނީ ހުއްޓިފަ ހުރި މަޝްރޫއުތައް އަލުން ފަށަން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދ ު މުއިއްޒު ފީއަލީގެ ރައްޔިތުންނާއި ބައްދަލުކުރައްވަނި (ފޮޓޯ/ ރައީސް އޮފީސް)

ފީއަލީގެ ރައްޔިތުން އެދުނީ ހުއްޓިފަ ހުރި މަޝްރޫއުތައް އަލުން ފަށަން

SHARE

ފ. ފީއަލީގައި ހުއްޓިފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތް އަލުން ފެށުމަށާއި އަލަށް ފަށާ މަޝްރޫއުތައް ވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލުމަށް އެ ރަށުގެ ރައްޔިތުން އެދިއްޖެ އެވެ.

ރައްޔިތުން މިގޮތަށް އެދުނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ 4 އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފ. ފީއައްޔަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި އިސްވެރިންނާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ފީއަލީގެ ރައްޔިތުން ވަނީ، ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފެށި، އަލަށް ފަށާ މަޝްރޫއުތައްވެސް "އެއްވާނެއްގައި ގޮސް ނިންމާލުމުގެ" މުހިންމުކަން ފާހަގަކޮށްފަ އެވެ. އަދި އެ ރަށުގެ އައިސްޕްލާންޓާ ގުޅިގެން ޚިލާފު އުފެދިފައިވާ ކަންކަމަށް ހައްލެއް ހޯދުމާ ގުޅިގެން މަޝްވަރާކޮށްފައިވެ އެވެ.

ރައްޔިތުން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވަނީ އެ ކަންކަމަކީ، ތަރުތީބުކުރެވި، ފެށި، ނުވަތަ ފެށުމުގެ މަރުޙަލާގައި ހުރި ކަންތައްތަކެއްކަމަށް ވިދާޅުވެ، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތަކުން އެ ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނޭކަމުގެ ޔަގީންކަންދެއްވާފައެވެ.

އެ ރަށުގައި ހުއްޓިފައިވާ މަޝްރުއޫތަކުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫޢުއަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް، ޖުމުލަ 15 ހެކްޓަރުގެ ބިން ހިއްކޭނޭ ގޮތަށް އެ މަޝްރޫއު ކުރިއަށްގެންދަވާނޭ ކަމަށް ވިދާޅުވެފަ އެވެ. ފީއަލީގެ މަޝްރޫއު ހުއްޓިފައި އޮތީ ބޮޑުހިލަ ނުލިބުމުގެ ސަބަބުން ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެގޮތަށް މަޝްރޫއު ހުއްޓިފައި ހުރި އެހެން ރަށްރަށަށް ވެސް އާ ޝިޕްމަންޓްތައް ލިބެމުންދާ މިންވަރަކުން އަލުން އެ މަސައްކަތް ފަށައިގެން ކުރިއަށްގެންދާނެ ކަމަށެވެ. ފީއައްޔަށް ބޭނުންވާ ޝިޕްމަންޓްވެސް ވަރަށް އަވަހަށް ގެނެވޭނޭކަން އެމަނިކުފާނު ވިދާޅުވި އެވެ.