ފީއަލީ ބަނދަރާއި ޖެޓީ ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީ އަށް

ފީއަލީގެ ބަނދަރާއި ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރުން (ފޮޓޯ/ އެމްޓީސީސީ)

ފީއަލީ ބަނދަރާއި ޖެޓީ ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީ އަށް

SHARE

ފ. ފީއަލީ ބަނދަރު ތަރައްގީކުރުމާ އެކު ޖެޓީއެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ 4 އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ފީއައްޔަށް ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

1350 މީހުންގެ އާބާދީއެއް އޮންނަ ފީއަލީގެ ބަނދަރު ކުޑަވުމުގެ ސަބަބުން މުދާ އަރުވާ ބޭލުމަށާއި އަރާފޭބުމުގައި ދަތިވާ ކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފަ އެވެ. މި މަޝްރޫއު ނިމުމުން، ލަފާފުރުމުގައާއި މުދާ އަރުވާ ބޭލުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެ އެވެ.

މި މަޝްރޫއުގެ ދަށުން 34،674 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއެކު، 301 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 19 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 40 ީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހާނެ އެވެ. އަދި 374 މީޓަރުގެ ބޭރު ތޮށިލުމާއި، 20 މީޓަރުގެ ޖެޓީއެއް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރެވޭނެ އެވެ. 60.17 މިލިއަން ރުފިޔާއަށް ކުރިއަށްގެންދާ މި މަޝްރޫޢު 550 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

މީގެއިތުރުން، އެ ރަށުގައި ފުޓްސެލް ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ. މަޝްރޫއުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ ރާފިއު އެވެ.