ބިލެތްދޫގެ މަގުތައް ތަރައްގީކުރަން އެމްޓީސީސީއަށް

ބިލެތްދޫގެ މަގު ހެދުމުގެ މަޝްރޫއު އާއި ވޮލީ ކޯޓެއް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރުން (ފޮޓޯ/ އެމްޓީސީސީ)

ބިލެތްދޫގެ މަގުތައް ތަރައްގީކުރަން އެމްޓީސީސީއަށް

SHARE

ފ. ބިލެތްދޫ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ 4 އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ބިލެތްދޫ އަށް ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަށުގެ މަގުތައް ތަރައްގީކުރާ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

1300 މީހުންގެ އާބާދީއެއް އޮންނަ ބިލެތްދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމަކީ އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. ވިއްސާރަ މޫސުމުގައި މަގުތަކުގަ ޗަކަ ހެދި، މީހުންނަށް މަގުތައް ބޭނުންކުރަން އުނދަގޫވެ އެވެ. އެމްޓީސީސީން ގަބޫލުކުރާ ގޮތުގައި މި މަޝްރޫޢު ނިމުމުން އެ މައްސަލައަށް ހައްލެއް އަންނާނެ އެވެ. މި މަޝްރޫއުގެ މަސައްކަތް 720 ދުވަސް ތެރޭގައި ނިންމަންޖެހެ އެވެ.

ބިލެތްދޫގެ މަގުތައް ތަރައްގީކުރުމުގެ އިތުރުން އެ ރަށުގައި އައުޓް ޑޯ ވޮލީ ކޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.  އެއްބަސްވުމުގަ ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. 1.24 މިލިއަން ރުފިޔާއަށް ހަވާލުކުރެވުނު މި މަޝްރޫއު 120 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. މި މަޝްރޫއު ނިމުމާއެކު، ރަށަށް އިޖުތިމާއީ ގޮތުން ކުރިއެރުން ލިބި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ އެވެ.