ވ. ކެޔޮދޫގެ އިގްތިސާދީ ކުރިއެރުމަށް، އެ ރަށް ކައިރީގައިވާ ފަޅު ހޯދައިދިނުމަށް އެ ރަށުގެ ކައުންސިލުން މިއަދު އެދިއްޖެ އެވެ.
ކެޔޮދޫ ކައުންސިލުން މިގޮތަށް އެދުނީ އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ އެކު ރައިސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގަ އެވެ. ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.
މި ބައްދަލުވުމުގައި ކެޔޮދޫ ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް، ބިން ހިއްކުމުގެ މަޝްރޫއެއް ފެށުމުގެ މުހިންމުކަމާއި، ހެލްތު ސެންޓަރަށް މުވައްޒަފުން ލިބުމުގެ ދަތިކަން ފާހަގަކޮށްފަ އެވެ. އަދި ރަށުގެ އިގްތިސާދީ ކުރިއެރުމަށް ކައިރީގައިވާ ފަޅު ލިބޭނެގޮތެއް ހޯދައިދިނުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.
ކައުންސިލުން ވަނީ، އެރަށަކީ ލޯކަލް ޓުވަރިޒަމް ވަރަށްބޮޑަށް ކުރިއަރާފައިވާ ރަށަކަށްވުމުން، ޑޮލަރު އޭޓީއެމެއް ރަށުގައި ހުރުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވ.
ރައީސް ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެކަމަށް ވިދާޅުވެފައެވެ.