ވ. ކެޔޮދޫގައި ހަތަރު ބުރީގެ ސްކޫލް އިމާރާތެއް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ 4 އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ. ކެޔޮދޫ އަށް ވަޑައިގެންނެވުމުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކޓަރު އަހުމަދު ސައުދީ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްލަތީފް މުހައްމަދެވެ.
މި މަޝްރޫއުގެ ދަށުނ 11 ކްލާސްރޫމާއި، 1 ސްޓާފް ރޫމާއި، 1 ކޮމްޕިއުޓާ ލެބާއި، 1 ސައިންސް ލެބް އިމާރާތް ކުރެވޭނެ އެވެ. 23.79 މިލިއަން ރުފިޔާއަށް ހަވާލުކުރެވުނު މި މަޝްރޫއު 360 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.
917 މީހުންގެ އާބާދީއެއް އޮންނަ ކެޔޮދޫގައި ހިންގާ މި މަޝްރޫއު ނިމުމުން، މިހާރު ސްކޫލް ކުދިންނަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ކިޔަވާ ކުދިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ގަބޫލުކުރެ އެވެ.