ވ. ފުލިދޫގެ ބިމުގެ ދަތިކަމަށް ހައްލެއް ގައުމަށްޓަކައި ފަށަން ރާވާފައިވާ ބިން ހިއްކުމުގެ މަޝްރޫއުގެ ކޮންސެޕްޓަށް ބަދަލު ގެނައުމަށް އެ ރަށު ކައުންސިލުން އެދިއްޖެ އެވެ.
ފުލިދޫ ކައުންސިލުން މިގޮތަށް އެދުނީ، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ އެކު ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސްގެ ސަމާލުކަމަށް ގެންނަވާފަ އެވެ.
އެގޮތުން، އެ ރަށު ކައުންސިލުން އެދުނު ކަންކަމުގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރޫއުގެ ކޮންސެޕްޓުގެ ޑިޒައިނަށް ބަދަލު ގެނައުން ހިމެނެ އެވެ. އެކަމަކު އެއީ ކޮން ބަދަލުތަކެއް ކަމެއް އެނގިފައެއް ނުވެ އެވެ.
ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަން ފުލިދޫގެ ރައްޔިތުން ބޭނުންވަނީ މިއަދު އެ ރަށުގައި ފެށިގެން ދިޔަ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުއާ އެކު އެކީގަ އެވެ. އެހެންނަމަވެސް އެ މަޝްރޫއު ފެށޭނީ، ރައީސް ވިދާޅުވި ގޮތުގައި އެއީ ރަށުގެ ގިނަ ރައްޔިތުން ބޭނުންވާ ގޮތްކަން އެމަނިކުފާނަށް ޔަގީންވުމުން ނެވެ. އެ ރަށަށް 12 ހެކްޓަރުގެ ބިން އިތުރުކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއިރު އެ މަޝްރޫއު އަންނަ އަހަރު ފެއްޓެވުމަށް ގަަސްދުކުރައްވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ބިން ހިއްކުމުގެ މަޝްރޫއުގެ ކޮންސެޕްޓަށް ބަދަލު ގެނައުމުގެ އިތުރުން އެ ރަށު ކައުންސިލުން ވަނީ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމާއި، ޑޮލަރު އޭޓީއެމެއްގެ މުހިންމުކަން ފާހަގަކޮށްފަ އެވެ. އަދި މިއަދު އެ ރަށުގައި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަޝްރޫއ ފެށިގެންދިޔައިރު އެ ތަނަށް މުވައްޒަފުން އިތުރުކުރުމަށް ވެސް އެދިފައިވެ އެވެ. ސުކޫލުގެ މަލްޓި ޕާރޕަސް ހޯލްގެ މަސައްކަތް އަވަސްކޮށް، ރަށުގެ ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ވަސީލަތް އިތުރުކުރުމަށް ވެސް ވަނީ އެދިފަ އެވެ.
ރައީސް ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެކަމަށް ވިދާޅުވެފައެވެ.