ވ. ފުލިދޫއަށް ދިމާވެފައިވާ ބިމުގެ މައްސަލަ ހައްލުކުރުމަށްޓަކައި 12 ހެކްޓަރުގެ ބިން އިތުރުކޮށްދެއްވާނެ ކަމަށާއި، އެހެންނަމަވެސް އެ މަޝްރޫއު ކުރިއަށްގެންދިއުމަށްޓަކައި ރަށުގެ ރައްޔިތުންގެ ޔަގީންކަން ބޭނުންފުޅުވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ރައީސް މިފަދައިން އެދިވަޑައިގެންނެވީ ވ. އަތޮޅު ހިމެނޭ ގޮތަށް 4 އަތޮޅަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ފުލިދޫއަށް ވަޑައިގެން ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ފުލިދޫ އަކީ ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ރަށުގައި 27 އަކަށް ގެސްޓްހައުސް އޮޕަރޭޓްކުރަމުންދާއިރު ހުޅުވުމުގެ މަރުހަލާގައި 100 އެނދު އެބަހުރި ކަމަށެވެ. 521 މީހުންގެ އާބާދީއެއް ދިރިއުޅޭ ފުލިދޫގެ ބިންތައް މިހާރު އޮތީ ފުރިފަ ކަމަށް ވިދާޅުވި އެވެ.
ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ފުލިދޫއިން ގޯތި ދޫނުކުރާތާ 15 އަހަރުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް، މިއަދު ފެށި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތާ އެކު ކުރިއަށް ގެންދިއުމަކީ އެ ރަށު ރައްޔިތުން އެދޭ ގޮތްކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިނުކުރި ނަމަވެސް ފުލިދޫއަށް ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.
އަޅުގަނޑު ވައުދުވީ ގޮތަށް އަދި މި ރަށުގެ ތަރައްގީ އަށް އެންމެ މުހިއްމު މި މައްސަލަ ހައްލުކޮށްދިނުމަށްޓަކައި، ބަނދަރާ ގުޅިގެންދާ ގޮތަށް މި ރަށަށް 12 ހެކްޓަރުގެ ބިން އިތުރުކޮށްދިނުމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން. އަޅުގަނޑު އެކަމު ޔަގީންކަމއް ރައްޔިތުން ކިބައިން ބޭނުންވާނެ
ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫޢު ހަވާލުކޮށް މަސައްކަތް ފަށަން ތައްޔާރުވެފައިވަނިކޮށް އެ މަޝްރޫއު ހުއްޓާލަން ޖެހުނުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެގޮތަށް ކަންތައްތައް ވިޔަ ނުދިނުމަށްޓަކައި ރައްޔިތުންގެ ކިބައިން ވެސް ޔަގީންކަން ބޭނުންވާ ކަމަށެވެ. ރައީސް އެދިވަޑައިގެންނެވީ ބިން ހިއްކުން ފަދަ މަޝްރޫޢުތަކަކީ ރަށުގެ ގިނަ ރައްޔިތުން އެދޭ ކަމެއްކަން ކައުންސިލް މެދުވެރިކޮށް ލިޔެކިޔުމުން ރައީސް އޮފީހަށް ހުށަހެޅުމަށެވެ.
އެހެންވީމަ ރައްޔިތުންގެ މި އެއްބާރުލުމާއެކީގައި، އެއްބައިވަންތަކަމާއެކީގައި ރައްޔިތުން އެދޭ ގޮތް ލިޔެކިޔުމުން ކައުންސިލް މެދުވެރިކޮށް ފޮނުވައިދިނުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް. އެއީ އަޅުގަނޑު ހިތުން ތިބޭފުޅުން ވެސް ބޭނުންވާނެ ކަމެއް، އެހެން ބަޔަކު އަތޮޅު ތެރޭގައި މިސާލަކަށް ތިބޭފުޅުންގެ ރަށަށް ބޭނުންވާ ބިން ހިއްކުމާ ދެކޮޅަށް މަސައްކަތެއް ކޮށްފިއްޔާ އެ ކަމަށްޓަކައި ވެސް ދއްކެން އޮންނާނެ ލިޔުމަކަށް އެ ލިޔުން ވާނެ
ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ރައީސް ނިންވިއިރު މިކަމުގެ ސަބަބުން ބ. އަތޮޅުގެ ބަޔޯސްފިޔާ ރިޒާވުގެ ދިރުންތަކާއި ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބުނެ، މަޝްރޫއު ހުއްޓާލުމަށް ގޮވާލައި ޕެޓިޝަނެއްގައި ދިޔައީ ސޮއިކުރަމުން ނެވެ. މިދިޔަ އޮގަސްޓް މަހުގެ 13 ގައި ހަވާލުކުރެވުނު މަޝްރޫއު ހުއްޓާލަން ނިންމީ، ރައީސް ވިދާޅުވި ގޮތުގައި މަޝްރޫއު ހިންގަން ރައްޔިތުން ބޭނުން ނުވާކަން އެމަނިކުފާނަށް މައުލޫމާތު ލިބިވަޑައިގެންނެވުމުން ނެވެ.
އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ރައީސް ވަނީ ފުލިދޫގެ ބިން ހިއްކުމަކީ އެރަށުގެ ރައްޔިތުން ބޭނުންވާކަން އަންގައިދިނުމަށް ރަށު ރައްޔިތުންގެ ފަރާތުން ލިޔުމެއް ދާދި އަވަހަށް ފޮނުވައިދިނުމަށް އެދިވަޑައިގެންފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއު އަންނަ އަހަރުގެ ކުރީކޮޅު ފެއްޓެވުމަށް ގަސްދުކުރައްވާ ކަމަށެވެ.
ފުލިދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ.