ބޮޑުތަކުރުފާނުމަގު ފުޅާކުރަން ބިން ހިއްކުމުގެ 90 އިންސައްތަ ނިމިއްޖެ

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން

ބޮޑުތަކުރުފާނުމަގު ފުޅާކުރަން ބިން ހިއްކުމުގެ 90 އިންސައްތަ ނިމިއްޖެ

SHARE

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތުގެ 90% ނިންމާލައިފި އެވެ.

ބޮޑުތަކުރުފާނު މަހު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް މިހާރު ވަނީ މަހުގެ ބައެއް ބަންދުކޮށްފަ އެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލްތައް ހިއްސާކުރަމުން މި މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނޯ (އެމްޓީސީސީ) އިން އިއްޔެ ބުނެފައިވަނީ މިހާރު ބަނދަރު ތޮށި ހެދުމަށް ބޭނުންވާ ޕްރީކާސްޓް ޕެނަލްތައް މަސައްކަތް ކުރާ ސަރަޙައްދަށް ގެނެވިފައިވާ ކަމަށާއި ސީ ޗެނަލް އަދި އެންކަރ ބްލޮކް އިންސްޓޯލްކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ޖުމްލަ 132 މީޓަރުގެ ޝީޓް ޕައިލް އިންސްޓޯލްކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުއާއެކު، ޒަމާނީ ބަދަލުތަކާއި އެކު މަގު ބޭނުންކުރާ މީހުންނަށް ފަސޭހަ ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ. އަދި މާލެ ސިޓީގައި ދަތުރުފަތުރު ކުރުމަށް ފަސޭހަވެ، ޓްރެފިކަށް ވެސް ލުއި ވާނެ ކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ވާރޭފެން ހިންދާ ނިޒާމެއް ގާއިމުކުރެވޭއިރު މަގުތަކުގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ވެސް އެމްޓީސީސީން ގަބޫލުކުރެ އެވެ.

144 މިލިއަން ރުފިޔާއަށް ހިންގާ މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެވޭއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގު 4 ލޭނަށް ތަރައްޤީކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ޤާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. މި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއަށް ދެވިފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ މުއްދަތެކެވެ.