ވީއައިއޭ އައު ޓާމިނަލްގެ “ކޮވެލި” ލައުންޖް ހުޅުވައިފި

ކޮވެލި ލައުންޖު

ވީއައިއޭ އައު ޓާމިނަލްގެ “ކޮވެލި” ލައުންޖް ހުޅުވައިފި

SHARE

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލްގެ “ކޮވެލި ލައުންޖް” ހުޅުވައިފިއެވެ.އައު ޓާމިނަލުގެ ޑިޕާޗާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި، ލައުންޖް ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފުއެވެ.މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ އިތުރުން ކުންފުނީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިންނާއި އެއާލައިންތަކުގެ އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވީއައިއޭ ޓާމިނަލް އެކެއްގެ ދެވަނަ ފަންގިފިލާގައި ހަދާފައިވާ މި ލައުންޖަކީ 1,230 އަކަމީޓަރު ބޮޑު، އެއްފަހަރާ 270 މީހުންނަށް ހިދުމަތް ދެވޭ ތަނެކެވެ.

ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ މި ލައުންޖުގައި ކުޑަކުދިން ކުޅޭނެ ޖާގައަކާއި ބުފޭ ސާވިސްގެ އިތުރުން ފެންވަރާލެވޭ ގޮތަށް ހާއްސަ ފެސިލިޓީތައް ހަދާފައިވެއެވެ. އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ބޭބީ ކެއާއަށް ހާއްސަ ކޮޓަރިތައް ހިމެނެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވަނީ، ރާއްޖޭގެ އިގުތިސާދުގެ މައި ތަނބު ކަމަށްވާ ޓޫރިޒަމްގެ މައިބަދައަކީ ދަތުރުފަތުރާއި ދިވެހިންގެ މެހެމާންދާރީ ކަމަށްވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އެ ހުރިހާ ސިނާއަތްތައް ހިފަހައްޓާ ތަނބު ކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން އެއާޕޯޓު ތަރައްގީކޮށް ޒީނަތްތެރިކޮށް, ދިވެހި އިގުތިސާދާއި ރާއްޖޭގެ މޫނުމަތި ޕޮޒިޓިވްކޮށް ހިފެހެއްޓުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރައްވަމުން ގެންދަވަނީ ވަރަށް ގައުމީ ވަރަށް ބޮޑު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.