މީޑިއާ ރެގިއުޅޭޝަންގެ ބިލު އިއްޔެ ތަސްދީގުކުރެއްވުމާއެކު އެ ގާނޫނުގެ ދަށުން މީޑިއާތައް ރެގިއުލޭޓްކުރުމަށްޓަކައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ ނަމުގައި ދައުލަތުގެ އޮފީހެއް ހުޅުވައިފި އެވެ.
މި ކޮމިޝަން އުފައްދާފައިވަނީ ކުރިން މީޑިއާ ރެގޮއުލޭޓްކުރާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އާޢި މީޑިއާ ކައުންސިލް އުވާލުމަށްފަހު އިއްޔެ އެވެ. އެ ގާނޫނަށް އިއްޔެއިން ފެށިގެން ދަނީ އަމަލުކުރަމުން ނެވެ.
މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ހޮވާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަަތަރު މެމްބަރުންނެވެ.
އެ މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
އެ ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ބެހޭ މައްސަލަތަކުގައި ސަރުކާރަށް ލަފާދިނުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމަށް ގާނޫނުއަސާސީންނާއި ގާނޫނުން ބާރު ލިބިދޭ މިނިވަންކަން ދިރުވައި އާލާކުރުމާއި އެ ކަންކަމާ ގުޅޭގޮތުން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން ހިމެނެ އެވެ.
ދޮގު ޚަބަރު ފަތުރާ ވަސީލަތްތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށާއި އަދި ޚިދުމަތް ފޯރިކޯށްދޭ ފަރާތްތަކަށް އަންގައި އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުން ވެސް އެ ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ހިމެނެ އެވެ.